ހުޅުމާލޭ ދެވެނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކުރަން ގޮވާލައި ފްލެޓް ލިބުނު ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖު ކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން "ފުރަތަމަ ނުކުތުން"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖު ފެށުމަށް ކުރިން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 2:30 ގައެވެ. އެހެންނަމަވެސް މި އިހުތިޖާޖު ފެށީ މިއަދު ހަވީރު ގާތްގަނޑަކަށް 4:30 ހާއިރުއެވެ. މުޒާހަރާ އިންތިޒާމްކޮށްފައި ވަނީ ހިޔާ ޔޫނިއަނުންނެވެ.

އިޖުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދިޔައީ ހިޔާ ފްލެޓުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލައި އިހުތިޖާޖުކޮށްފައި މިވަނީ ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށް ވެސް ނިންމާފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ.

"ފަހުގެ އާދޭސް" ގެ ނަމުގައި ހިޔާ ޔޫނިއަން އިން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.

ހިޔާ ޔޫނިއަން އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ އިހުތިޖާޖުގެ މަގުސަދަކީ ހިޔާފުލެޓު ލިބުނު މީހުންނާއި އެމީސް މީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ.