ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން "ފުރަތަމަ ނުކުތުން"ގެ ނަމުގައި މާދަމާ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ތައްޔާރު ވެއްޖެއެވެ.

ހިޔާ ޔޫނިއަން އިން ބުނީ އެ ހަރަކާތް އޮންނާނީ މާދަމާ މެންދުރު 2:30 އިން ހަވީރު 5:00 އަށެވެ.

އެގޮތުން މީހުން އެއްވާނީ ހުޅުމާލޭ ފޭސް ދޭއްގެ އެޗް8 އާއި އެޗް12 އާ ދެމެދުގެ މަގަށް ކަމަށް ހިޔާ ޔޫނިއަން އިން ވަނީ ބުނެފައެވެ.

ހިޔާ ޔޫނިއަން އިން ވަނީ އެހަރަކާތުގެ ކުލައެއްގެ ގޮތުގައި ހުދު އަދި ފެހި ކުލަ ކަނޑައަޅާފައެވެ.

"ފަހުގެ އާދޭސް" ގެ ނަމުގައި ހިޔާ ޔޫނިއަން އިން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.

ހިޔާ ޔޫނިއަން އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ އިހުތިޖާޖުގެ މަގުސަދަކީ ހިޔާފުލެޓު ލިބުނު މީހުންނާއި އެމީސް މީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާ މީހުން ބޭނުންކުރި ހޭޝްޓެގްތަކަކީ #އަޑުއަހާށޭ އަޑުއިވޭހޭ ރައްޔިތުން އަޑު އަދި #ނިކަމެތި ރައްޔިތުން ނިކަމެތި ވާނީ ރައްޔިތުން، މިދެ ހޭޝްޓެގެވެ.

ހިޔާ ޔޫނިއަން އިން ގޮވާލާފައި ވަނީ ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރާށެވެ.

ހިޔާ ޔޫނިއަން އިން ވަނީ ޖޫން އެއްވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ