ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބް ރައީސް ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަށާއި ނަމަވެސް ސިވިލް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ.
ޖަމީލް މަގާމުން ވަކިކުރި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދުސްތޫރީ މައްސަލަ ނިންމުމަށް އެކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލައިގައި ދިވެހި ދައުލަތުން ފާހަގަކުރާ އެއް ކަމަކީ ޑރ. ޖަމީލް މަގާމުން ދުރުކުރި މައްސަލައަކީ އޭނާގެ ޒާތުގައި ސިޔާސީ ސުވާލެއް އުފެދޭ މައްސަލައަކަށް ވެފައި އެމައްސަލައިގައި ފައިސަފާ ކުރުމުގެ ބާރު ކޯޓުތަކަށް ނޯންނާނެ ކަމަށް ބުނާ ބުނުން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގާނޫނު އަސާސީން ތަންދޭ ގޮތަށް މެނުވީ އެއްވެސް ކޯޓަކަށް ހުށަހެޅިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުން ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން އެހެން ފަރާތްތަކަށް ރައްދުވާ ހާލަތުގައި އެފަދަ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ހުށަހެޅޭނީ ގާނޫނު އަސާސީއާ ހިލާފަށް އެފަދަ ނިންމުމެއް ނިންމާފައިވާ ނަމަ ކަމަށް ވެސް ފަނޑިޔާރު އަޒްމިރަލްޑާ ވިދާޅުވިއެވެ.
މިމައްސަލައިގައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ވެސް ފަނޑިޔާރު އަޒްމިރަލްޑާގެ ރައުޔުއަށް އިއްތިފާގުވެ ވަޑައިގެންނެވިއެވެ.
މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރެވެ.
ފަނޑިޔާރުން ރައުޔު އެއްސެވުމަށް ފަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް މައްސަލައިގެ ހުކުމް އިއްވަވަމުން ވިދާޅުވީ، މި ގަޒިއްޔާގައިވާ މައްސަލައަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. އަދި މިމައްސަލަ ޑރ. ޖަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ މިގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އެކޯޓަށް ބެލިދާނެ މައްސަލައެއް ކަމަށް ނިންމާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.