މާބަނޑު މީހުންނަކީ ވި އެންމެ އަވަހަކަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭނެ ބައެއް ކަމަށް ބާރު ދޭ އާ ހެކި ލިބިފައި ވާ ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، މާބަނޑު މީހުންވެސް ކޮވިޑް ވެކްސިން ޖެހުމަށް އިންތިހާއަށް ލަފާ ދޭ ކަމަށް، އެމެރިކާ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފިއެވެ.
ސީޑީސީއިން އާންމު ކޮށްފައި ވާ އާ ގައިޑްލައިންގައި ބުނެފައި ވަނީ، ކޮވިޑް ވެކްސިންގެ ރައްކާތެރި ކަމާއި ކާމިޔާބީއާ ގުޅިގެން ލިބިފައި ވާ މައުލޫމާތަށް ބަލާއިރު، މާބަނޑު މީހުންނަކީ ކޮވިޑް ވެކްސިން ޖަހަން ޖެހޭ ބައެއް ކަމަށް ބާރުދޭ ހެކި ލިބިފައި ވާ ކަމަށެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެންވެސް ކޮވިޑް ވެކްސިން ޖަހަން އިރުޝާދު ދޭ ކަމަށާ، މީގެ ތެރޭގައި މާބަނޑު މީހުންނާއި، ގާތުން ކިރު ދޭ މީހުންގެ އިތުރުން ބަލިވެއިންނަން މަސައްކަތް ކުރާ މީހުންނާއި، ކުރިއަށް އޮތް ތަނުގައި ބަލިވެ އިނުމުގެ ފުރުސަތު އޮތް މީހުންވެސް ހިމެނޭ ކަމަށް ސީޑިސީގެ އާ ގައިޑްލައިންގައި ވެއެވެ.
މާބަނޑު މީހާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް އެމްއާރްއެންއޭ ވެކްސިންގެ ސަބަބުން ނުރައްކަލެއް ނެތް ކަން އާ ދިރާސާއިން ސާބިތުވާ ކަމަށާ، މާބަނޑު މީހުންނަށް އެމްއާރްއެންއޭ ވެކްސިންތައް ބޭނުން ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް ވެކްސިނާއި ބައިގެން ދިއުމާ ގުޅުވައިގެން ވާހަކަތަކެއް ފަތުރަމުން ދިޔަ ނަމަވެސް ސީޑީސީގެ ސައެންސްވެރިން ވަނީ، ބަލިވެ އިންނަ ފުރަތަމަ 20 ހަފުތާގެ ތެރޭގައި ވެކްސިން ޖެހުމަކުން، ބައިގެން ދިއުމަކަށް އިތުރަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައަޅާފައެވެ. މިކަމަކީވެސް ވެކްސިންގެ ރައްކާތެރި ކަން އަންގައިދޭ ކަމެއް ކަމަށް ސީޑީސީގެ ގަވައިދުގައި ވެއެވެ.
ދިވެހިރާއްޖެއިންވެސް ވަނީ މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕޭނެއް ހިންގާފައެވެ. ރާއްޖޭގައި މާބަނޑު މީހުންނަށް ހާއްސަ ކޮށްފައި ވަނީ، ފައިޒާ ވެކްސިންއެވެ. ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، މާބަނޑު މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުވެ ތިބި މީހުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.