ހަނގުރާމަ ގަދަވެފައި ވާ އަފްގާނިސްތާނުގެ ވެރިރަށް ކާބުލް، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކަހެރި ކޮށް، 90 ދުވަހުގެ ތެރޭގައި ތޯލިބާނުންގެ ކޮންޓްރޯލް ގެ ދަށަށް އެ ސިޓީވެސް ގެންގޮސްދާނެ ކަމުގެ އިންޒާރު، ޖާސޫސީ މައުލުމާތާ ހަވާލާދީ، އެމެރިކާގެ ދިފާއީ އޮފިޝަލަކު ދެއްވައިފިއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ރޮއިޓާޒްއާ ވާހަކަދެއްކެވި ދިފާއީ އޮފިޝަލާ ހަވާލާދީ ދީ އެ ނޫހުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މިކަމަކީ ނުހުއްޓުވޭނެ ކަމެއް ނޫނެވެ. އެގޮތުން، އަފްގާނިސްތާނަށް އަތްގަދަ ކުރަމުން އަންނަ ތޯލިބާނުންގެ ރޫހަށް ހުރަސް އަޅާ، އެ ޖަމާއަތުގެ ކާމިޔާބީތައް އަނެއް ކޮޅަށް ޖަހާލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އެމެރިކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް ތޯލިބާނުން ނުފޫޒު ފޯރުވާ، އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް އެ ސަރަހައްދުތައް ގެންނަމުން ދަނީ އަފްގާނިސްތާނުގެ މައި ސަރުކާރާއި އެ ސަރުކާރަށް އެއްބާރުލުންދޭ އެންމެހާ ޖަމާއަތްތަކަށް ސިހުން ގެނުވަނި ހަލުވި ދުވެލީގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، ތޯލިބާނުންގެ ހަމަލާތައް ހުރީ، 2020 ވަނަ އަހަރުގެ އެއްބަސްވުމުގެ ރޫހާ ހިލާފަށް ކަމަށެވެ.

ޕްރައިސް ވިދާޅުވީ، ދާއިމީ ގޮތެއްގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަނިވި، ބިނާ ކުރަނިވި ސުލްހައިގެ އެއްބަސްވުމަކަށް ތޯލިބާނުން ރުހުން ދީފައި ވާ ކަމަށެވެ. ނަމަވެސް ޕްރޮވިންސްތަކުގެ ވެރިކަން ކުރާ ރަށްތަކަށް ހަމަލާ ދީ، އާންމުންނަށް ހަމަލާ ދިނުމަކީ، މި އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށް ޕްރައިސް ވިދާޅުވިއެވެ.

އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވީ 1 މަސްދުވަހުގެ ތެރޭގައި އާންމުންގެ 1000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ބައިނަލްއަގުވާމީ ރެޑްކްރޮސް ކޮމިޓީގެ ރެކޯޑްތަކަށް ބަލާއިރު، އޯގަސްޓް 1، 2021 ވަނަ ދުވަހުން ފަށައިގެން މިހާތަނަށް، ޒަހަމްވެގެން ފަރުވާ ދިން މީހުންގެ އަދަދު 4000 އަށް ވުރެ މައްޗަށް އަރައެވެ.

ތޯލިބާނުން ވަނީ އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭ ކަމުގެ ތުހުމަތުތައް އިންކާރު ކޮށް، މިނިވަން އިންކުއަރީ ފެށުމަށް ގޮވާލާފައެވެ.

ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ތޯލިބާނުން ކާބުލް ހިފާނެ ކަމަށް އެމެރިކާގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ދިފާއީ އޮފިޝަލަކު ވިދާޅުވެފައި ވާއިރު، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލަން ނިންމި ނިންމުމާ މެދު ހިތާމަ ނުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، މި ދަނޑިވަޅުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަކީ، އެމެރިކާއަށް ހެދޭ ބޮޑު ގޯހެއް ކަމަށް، އަފްގާނިސްތާން ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ ވިދާޅުވެފައެވެ.