ރާއްޖޭގެ އެއާލައިން މޯލްޑިވިއަން ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންތް ވެންޗާ ހަދަން މަޝްވަރާތައް ފަށައިފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ޞޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މޯލްޑިވިއަން ބޭރުގެ ބަޔަކާ ގުޅިގެން (ޖޭވީ) އެއްގެ ދަށުން ހިންގަން މަޝްވަރާތައް ހިނގަމުން ދާ ކަމަށާއި އެއީ މެދުއިރުމަތީގެ ދެ ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކުންފުނިތަކުގެ ތަފްސީލު ރައީސް ހާމަ ކުރައްވާފައި ނުވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިހާރު އުޅުއްވަނީ ވިޔަފާރީގެ ފުރުސަތުތައް ހޯއްދަވަން މެދުއިރުމަތީގައެވެ. އޭނާގެ ދަތުރުގައި ރާއްޖޭގެ ހާލަތާއި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު މެދު އިރުމަތީގެ އިންވެސްޓަރުންނަށް ދެއްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

މޯލްޑިވިއަން ބޭރުގެ ބަޔަކާ ގުޅެން މަޝްވަރާ ކުރާ އިރު، އެ ކުންފުނި މިހާރު އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ވާހަކައާއި، އެ ކުންފުނި ޕްރައިވެޓައިޒް ކޮށް ވިއްކާލާ ވާހަކަވެސް ދަނީ ބާރަށް ދެކެވެމުންނެވެ.

އަދި އެ ކުންފުނީގެ ސީޕްލޭން ވިންގްވެސް ވިއްކާލާ އަޑުތައް ފެތުރިފައި ވާއިރު ރައީސް މިއަދު ވިދާޅުވީ، ސީ ޕްލޭން ހިދުމަތްވެސް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރުވެސް މޯލްޑިވިއަން އޮތީ ގެއްލުމުގައި ކަމަށާއި އަދި މިހާރުވެސް ހިންގަނީ ބޮޑު ގެއްލުމުގައި ކަމަށްވެސް ރައީސް ވިދާޅުވެއެވެ.

ރައީސް އެހެން ވިދާޅުވި އިރު މޯލްޑިވިއަންގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އާދަޔާ ހިލާފު ބޮޑު މުސާރަ ނަގާ މައްސްލަވެސް އޮތީ ފެންމަތިވެފައެވެ.

މޯލްޑިވިއަން ޖޭވީއެއް ހަދަން މަޝްވަރާ ކުރާ އިރު، މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 400 މިލިއަން ރުފިޔާ ހޯދަން އޮތީ ހިމަނާފައެވެ.