ކަނޑައެޅިގެން ވަކި ފަރުވާއެއް އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކޮށް، ބަލީގައި ހާލު ސިރިއަސް ވިޔަ ނުދީ ވޭތޯ ބެލުމަށް މިވަގުތު ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ކޮވިޑް ވެކްސިނެވެ. ނަމަވެސް، ކޮވިޑް ވެކްސިނާ ގުޅުވައިގެން މީޑިއާއާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ފަތުރަމުންދާ ހަބަރުތަކަށް އަދިވެސް ފަނޑު ކަމެއް ނާދެއެވެ.

އަންހެނަކު ބަލިވެއިންނަ ދުވަސްވަރަކީ، އޭނާއަށް ދޭ ބޭހާއި އެހެނިހެން ފަރުވާއާ މެދު ކޮންމެ ޑޮކްޓަރަކުވެސް އިންތިހާއަށް ފަރުވާތެރި ވާނެ ދުވަސްވަރެކެވެ. ކޮވިޑް ވެކްސިނާ ގުޅިގެން ފުރަތަމަ ދިން އިރުޝާދަކީ މާ ބަނޑު މީހުން ވެކްސިނާ ދުރުހެލިވުމަށް ދިން އިރުޝާދެއް ނަމަވެސް، މިއަދު އެކަން ވަނީ ބަދަލު ވެފައެވެ. އެއާ ހިލާފަށް، ސިއްހީ ހިދުމަތްތެރިން މިހާރު ބާރު އަޅަމުން ދަނީ، މާބަނޑު މީހުން މީހުންވެސް ކޮވިޑް ވެކްސިން ޖެހުމަށެވެ. އެހެނީ، މާބަނޑު ދުވަސްވަރު ކޮވިޑް ޖެހުމުން، އެކަމުގެ ނުރައްކާ ފަހަރުގައި ބޮޑުވުމުގެ ފުރުސަތު އޮތުމުންނެވެ.

މާބަނޑު މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސަރީ ލީޑާ

ކަން މިހެން އޮތް ނަމަވެސް، ވަކިން ހާއްސަކޮށް، ދަރިވުމުގެ ސިއްހަތަށް ނޭދެވޭ އަސަރު ފޯރާ ކަމަށާ، މި ވެކްސިންތަކަކީ ބައިގެން ދިއުމަށް މަގުފަހި ކުރާ ވެކްސިންތަކެއް ކަމަށް ބުނެ، އެކި ޕްލެޓްފޯމްތަކުގައި ދައުރު ކުރާ އަސްލެއް ނެތް ވާހަކަތަކެއްވެސް މަދެއް ނޫނެވެ. މިފަދަ ބައެއް ތޯތޯ ވާހަކަތަކާ، އެކަމުގެ ދޮގު ތެދަށް ބަލާލުން ބުއްދިވެރި ކަމުގައި ދެކެމެވެ.

އޯވަރީގައި ވެކްސިން ޖަމާވުން: މިއީ ދޮގެއް!

މި ނަޒަރިއްޔާ އުފެދުނު ކަމަށް ބެލެވެނީ ޖަޕާނުގެ ދިރާސާއަކާ ގުޅުވައިގެންނެވެ. ފާހަގަ ކުރަން ޖެހޭ ކަމަކީ، މި ދިރާސާ ހަދާފައި ވަނީ، އިންސާނުންނަށް ޖަހާ ވެކްސިން ޑޯޒްއަށް ވުރެ އެތައް ގުނައެއް އިތުރަށް، މީދާތަކަށް ވެކްސިން ޖަހައިގެންނެވެ. މި ދަންނަވަނީ 1333 ގުނަ އިތުރަށް ޑޯޒް ޖަހައިގެން ހެދި ދިރާސާއެއްގެ ވާހަކައެވެ.

ވެކްސިން އިންޖެކްޝަން ޖަހާތާ 48 ގަޑިއިރު ފަހުން ބަލާއިރު، އެ ވެކްސިނުން ޖަނަވާރުންގެ އޯވަރީގައި ހަރުލާ ހުރީ އެންމެ 0.1 ޕަސެންޓެވެ.

އިންޑިއާގެ މުމްބާއީގެ ސިއޯން ހޮސްޕިޓަލުގައި މާބަނޑުގެ މީހެއްގެ ސިޒޭރިއަން ހަދަނީ/ފޮޓޯ: ބީބީސީ

ވެކްސިން ޖަހާތާ 1 ގަޑިއިރު ތެރޭގައި 53 ޕަސެންޓް އަދި 48 ގަޑިއިރު ފަހުން 25 ޕަސެންޓް ޖަމާވެފައި ހުއްޓާ ފާހަގަ ކުރެވިފައި ވަނީ ވެކްސިން ޖަހަން ކަށި ހަރާލި ސަރަހައްދުގައެވެ. އިންސާނުންނަށް ބަލާނަމަ، އާންމު ގޮތެއްގައި އެއީ އަތުގެ ގޮނޑާ ދިމާލެވެ. ދެން އެންމެ ގިނަ އަދަދަކަށް ވެކްސިން ޖަމާވެފައި ހުންނަ ކަމަށް ފާހަގަ ކުރެވެނީ ލިވާގައެވެ. 48 ގަޑިއިރު ފަހުން 16 ޕަސެންޓްގައެވެ. މިއީ ހަށިގަނޑުގެ ލޭގައި ދައުރުވާ ބޭކަރު ބައި ނައްތާލާ އެހީވެދޭ ގުނަވަނެވެ.

އިންސާނާގެ ހަށިގަނޑަށް ވެކްސިން ފޮނުވާލަނީ، ވެކްސިންގެ ޖެނެޓިކް މެޓީރިއަލް އެކުލެވޭ ސަރުބީ ބޮތްކެއް ކަހަލަ އެއްޗެއް މެދުވެރިކޮށެވެ. ހަށިގަނޑު ތެރެއަށް ވެކްސިން ފޮނުވާލާ ހިސާބުން، ދިފާއީ ނިޒާމް މަސައްކަތް ކުރަން ފަށާފައެވެ.

އޯވަރީ ނުވަތަ ބިސްރަވާގައި ވެކްސިން ހަރުލާފައި ހުންނަ ކަމަށް ބުނެ، ވެކްސިނާ ދެކޮޅަށް ވަކާލާތު ކުރާ މީހުން އެކަން ކުރަނީ، އަތްފުނާ އަޅައިގެން ހޮވި، ތަފާސް ހިސާބެއްގެ މައްޗަށް ބިނާ ކޮށެވެ. އެ ދިރާސާގައި ބަޔާން ކުރާ ސަރުބީއަކީ، އޯވަރީގައި ހުންނަ ސަރުބީއެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

ވެކްސިން ޖެހިތާ 48 ގަޑިއިރު ފަހުން، އޯވަރީގައި ސަރުބީ ނުވަތަ ފެޓް އެކުލެވޭ މިންވަރު އިތުރުވިއެވެ. އެއީ އިންޖެކްޝަން ޖެހި ސަރަހައްދުން، ހަށިގަނޑުގެ އެހެން ސަރަހައްދުތަކަށް އެ މާއްދާތައް ދައުރުވާން ފެށުމުންނެވެ. ނަމަވެސް، މިހާ ހިސާބަށް ދާއިރު، އޭގައި ވައިރަހުގެ ޖެނެޓިކް މެޓީރިއަލް އެކުލެވޭ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނެތެވެ.

އެ ރިއާޔާތް ކުރާ ދިރާސާއަކީ "ލީކުވީ" ދިރާސާއެއް ކަމަށް، ވެކްސިނާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނި ކަމުގައި ވީ ނަމަވެސް، އާންމު މީހާގެ އަތް ފޯރާ ފަށުގައި އެ ދިރާސާ އެބައޮތެވެ.

ވެކްސިނުން ބައިގެން ދިއުމަށް މަގު ފަހި ކުރޭ: މިއީ ވެސް ދޮގެއް!

ކޮވިޑް-19 އިން ދިފާއުވާން ވެކްސިން ޖެހުމަށް ފަހު ހަށިގަނޑަށް އަންނަ އެކި ބަދަލުތައް ދެނެގަތުމަށް އެމެރިކާއާއި އިނގިރޭސިވިލާތުގައި ހިންގި މޮނިޓަރިންގް ކެމްޕޭންތަކުން، މިސްކެރިޖް ނުވަތަ ބައިގެން ދިއުމުގެ މައްސަލަ ފެންމަތިވި ކަމަށް ބުނާ ޕޯސްޓްތަކެއް ދައުރުވެއެވެ.

ވެކްސިން ޖެހުމަށްފަހު ހަށިގަނޑުން ފެންނަ ކޮންމެ އަލާމާތެއް ރިޕޯޓް ކުރުމުގެ ފުރުސަތު، ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް އެންމެނަކީ އެ މައުލޫމާތު ހިއްސާ ކުރާނެ މީހެއް ނޫނެވެ.

ބައިގެން ދިއުމަށްފަހު ދެން ބަލިވެއިން ފަހަރު ލޭ ފެނުމުން ހޯމޯން ފަރުވާ ހޯދި ސަމޭންތާ އެލަން ވިހޭ ދަރިފުޅު/ފޮޓޯ: ސަމޭންތާ އެލަން

ބަޔާންވެދިޔަ މޮނިޓަރިންގް ކެމްޕޭންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބައިގެން ދިއުމުގެ ކޭސްތަކެއް ހިމެނެއެވެ. ނަމަވެސް ބައިގެން ދިއުމަކީ، އެކި ސަބަބުތަކާ ހެދި ހިނގާ، އާންމު ހާދިސާއެއް ކަމުން، މިއީ ކަނޑައެޅިގެން ވެކްސިންގެ ސަބަބުން ވީ ކަމެއް ކަމަކަށް ބުނެވޭކަށް ނެތެވެ.

އާންމު އާބާދީއަކަށް ބަލާއިރު ބައިގެން ދިއުމުގެ ނިސްބަތް އުޅެނީ 12.5 ޕަސެންޓްގައި ކަމަށް ވާއިރު، ވެކްސިން ޖެހި މީހުންގެ މެދުގައި ވެސް މި ނިސްބަތް އޮތީ ހަމަ މިހާކަށް ވަރަށެވެ.

ވެކްސިނެއްގެ ސަބަބުން ސިއްހީ މައްސަލަ ކުރިމަތިވާ ކަމުގެ ރަތް ދިދަ އުފުލާލަން ޖެހެނީ، އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަ ވާ ހިސާބުންނެވެ.

އަންހެނެއްގެ ހައިލުގެ ސައިކަލްއަށް ބަދަލު އުމާއި، ބައިގެން ދިއުމުގެ އިތުރުން ހިތުގެ މައްސަލަތައް ރިޕޯޓް ކުރި ކަމުގައި ވީ ނަމަވެސް އަދި އެއީ ރަތް ދިދައިގެ އިންޒާރެއް ނޫނެވެ. އެހެނީ، އެއީ އާންމު ގޮތެއްގައި ވެސް ހިނގާ ކަންތައްތަކަށް ވުމުންނެވެ.

ބަނޑުގައި ދަރިފުޅު ޣަރުބަގަނެފައިވާގޮތް ދައްކުވާދޭ މޮޑެލްތަކެއް/ފޮޓޯ: އެންވައިޕީ

ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން ބައިގެން ދާ ކަމަށް ބުނެ ކަންބޮޑުވާން ވީ، ވެކްސިން ނުޖަހާ މީހުންނަށް ވުރެ، ވެކްސިން ޖެހި މީހުންގެ މެދުގައި ބައިގެން ދާ ނިސްބަތް އިތުރު ނަމައެވެ. ނަމަވެސް ތަފާސް ހިސާބުތަކުން މި އިންޒާރެއް ނުދެއެވެ.

ބައިގެން ދާ ކޮންމެ މީހަކީ މީގެ ކުރިން އެކަން ރިޕޯޓް ކުރި މީހަކަށް ނުވެދާނެއެވެ. ނަމަވެސް، ކޮވިޑް ވެކްސިނާއެކު ދެން ދިމާވާ ކަންކަން ރިޕޯޓް ކުރަން އޮތުމުން ކުރާ މީހުން އުޅެއެވެ. އެހެން ކަމުން، ތަފާސް ހިސާބުތަކުން އެ އަދަދު ދައްކާނެއެވެ.

ވެކްސިނުން ޕްލަސަންޓާއަށް ހަމަލާ ދޭ: އަނެއްކާވެސް ދޮގެއް!

ކޮވިޑް ވެކްސިންގެ ސަބަބުން ޕްލަސަންޓާ ނުވަތަ ވާމަހަށް ހަމަލާ ދޭ ކަމުގެ އަޑުތައް ފަތުރަން ފެށީ ސައެންސް ރިސާޗަރެއް ކަމަށް ވާ މައިކަލް ޔޭއިޑަން ތައްޔާރު ކުރި ޕެޓިޝަނަކާ ހިސާބުންނެވެ.

ބައެއް ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި، ކޮވިޑް ވެކްސިނަކީ ދަރިމައިވުމުގެ ނިޒާމަށް ހަމަލާ ދޭ އެއްޗެއް ކަމަށް ބުނާ ނަޒަރިއްޔާ އުފަންވީ ހިސާބަކީވެސް މިއީއެވެ.

ހަނގުރާމައިގެ ނުތަނަވަސްކަމުގައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މާބަނޑު މީހެއް/ފޮޓޯ: ވޯލްސްޓްރީޓްޖާނަލް

މިހާތަނަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު ޕެޓިޝަންގައިވާ ދައުރާ ދޮގު ކުރާނެ ހެކި އެބަހުއްޓެވެ.

އެމެރިކާގެ ފާޓިލިޓީ ޑޮކްޓަރެއް ކަމަށް ވާ ރޭންޑީ މޮރިސް ވަނީ، އޭނާގެ ޕޭޝަޓުންގެ ތެރެއިން، އައިވީއެފް މެދުވެރިކޮށް ބަލިވެއިން ޕޭޝަންޓުން ބައިވެރިކޮށްގެން ހޯދުންތަކެއް ހޯދާފައެވެ. އަމާޒަކަށް ވީ، ވެކްސިންގެ ސަބަބުން މާބަނޑުވުމުގެ ކަންކަށް އެއްވެސް ކަހަލަ ބަދަލެއް އާދޭތޯ ބެލުމެވެ.

މި ދިރާސާގައި ޑރ މޮރިސް ބައިވެރި ކުރި 143 މީހުންނަށް ބަލާއިރު، ވެކްސިން ޖެހި މީހުންނާއި ނުޖަހާ މީހުންނާއި، ކުރިން ބަލި ޖެހި އިންފެކްޓް ވެފައި ވާ މީހުންގެ ބަނޑުގައި ދަރިއަކު ޣަރުބަގަނެ، ކާމިޔާބު ކަމާއެކު މާބަނޑު ދުވަސްތައް ހޭދަ ކުރުމުގެ ފުރުސަތު އޮތީ ގާތްގަނޑަކަށް އެއް ހަމައެއްގައެވެ.

މައިމީހާގެ ބަނޑުގައި ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ގާޑިއަން

ޑރ މޮރިސް ވިދާޅުވީ، ބަލި ޖެހިގެން އުފެދޭ އެންޓިބޮޑީޒް އާ ހިލާފަށް، ވެކްސިން ސަބަބުން އުފައްދާ އެންޓިބޮޑީޒް އަކީ ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންދެނިވި އެއްޗެއް ކަމަށް ވަކާލާތު ކުރާ މީހުންނަށް ތަފްސީލުކޮށް ނުދެވޭ ކަމަށެވެ.

ކޮވިޑް ވެކްސިނާ ގުޅުވައިގެން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވާހަކައެއް ފެންމަތި ކުރާ ހިސާބުން، އެކަމުގެ ދޮގު ތެދު ވަޒަންކޮށް، ސައެންސްގެ އަލީގައި ސާބިތު ހެކި ދެއްކުމަށް ސައެންސްވެރިން ތައްޔާރު ވާން ވާއިރަށް، ދޮގު ހަބަރު ފަތުރާ ފަރާތްތަކުން އާ މައުލޫއެއްގެ ތޯތޯ ސުރުހީއެއް ފެންމަތިކޮށް، ދައުރު ކުރަން ފަށާ ފެށުމެވެ.