އަފްގާނިސްތާނުގައި ހިންގަމުން ދިޔަ އޮޕަރޭޝަންތައް ނިންމާލުމަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލަން ނިންމެވުން ކަމާ މެދު އަދިވެސް ހިތާމަ ނުކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

މި ހިނގާ އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެމެރިކާގެ ފައުޖުތައް އެމެރިކާއިން ބާލާނެ ކަމަށް ބައިޑަން ވައުދުވެވަޑައިގެން، ސިފައިން ފޭބުމުގެ އަމަލީ ހަރަކާތްތައް ކުރިއަށް ދާ މި ދަނޑިވަޅަކީ، އެ ބަޔަކާ ދެކޮޅަށް އެމެރިކާއިން އަފްގާނިސްތާނަށް އަރާ ހަނގުރާމަ ފެށި ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ މުށުތެރެއަށް، އަފްގާނިސްތާނުގެ މުހިންމު ސިޓީތަކެއް ގެންދަމުން ދަނޑިވަޅެކެވެ.

އަފްގާނިސްތާނުގެ ހަނގުރާމަ ގަދަވެ، ތޯލިބާން ޖަމާއަތާއި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ބަދަލު ކުރަމުން ދާ ހަމަލާތަކުގައި އާންމުންގެ ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިފައި ވާއިރު، ގައުމަށްޓަކާ ހަނގުރާމަ ކުރަން އެއް ބައިވުމަށް، ބައިޑަން ވަނީ އަފްގާނިސްތާނުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ހަތިޔާރު އެޅި، ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން މިހާރު ވަނީ އަފްގާނިސްތާނުގެ 34 ޕްރޮވިންސެއްގެ ވެރަށް ހިފާފައެވެ. އަދިވެސް އިތުރު ސަރަހައްދުތައް ހިފާނެ ކަމަށް، އެ ޖަމާއަތުން ދަނީ ބިރު ދައްކަމުންނެވެ.

ވައިޓްހައުސްގައި ހުންނަވާ، ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ، އަފްގާނިސްތާނަށް ދޭނެ ކަމަށް އެމެރިކާއިން ވައުދުވެފައިވާ އެއްބާރުލުމާއި އެހީތެރިކަން އެ ގޮތުގައި ލިބެމުން ދާނެ ކަމަށެވެ. އެގޮތުން ވައިގެ މަގުން އަސްކަރީ އެއްބާރުލުން ދިނުމާއި، އަސްކަރިއްޔާއަށް މުސާރަ ދިނުމުގެ އިތުރުން، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އެކި ކަހަލަ އާލާތްތައް ހަމަޖައްސާ ދިނުން ފަދަ އެހީތައް އެމެރިކާއިން ފޯރު ކޮށްދޭނެ ކަމުގެ ޔަގީން ކަން، ބައިޑަން ވަނީ ދެއްވާފައެވެ. ނަމަވެސް، އަފްގާނިސްތާނުގައި ހަނގުރާމަ ކުރަން ޖެހޭނީ އެ ގައުމުން އަމިއްލައަށް ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށް ދާ ހަމަލާ ބަދަލު ކުރުންތަކަށް މަހެއްހާ ދުވަސް ވެފައި ވާއިރު، މަދަނީ އާންމުންގެ 1000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް އދއިން ބުނެއެވެ. ކުޑަ ކުދިންނާ ބެހޭ އދގެ ޖަމިއްޔާއިން ވަނީ، އަފްގާނިސްތާނުގައި ކުޑަކުދިންނަށް ދެމުން އަންނަ އަނިޔާތައްވެސް އިތުރު ވަމުން އަންނަ ކަމުގެ އިންޒާރު ދީފައެވެ.