މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އިންޑިއާ މީހާ ޓެކްސީ ޑްރައިވަރަށް ހަމަލާ ދިނީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ރޭ ދަންވަރު 12:30 ހާ އިރު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ، އިންޑިއާ މީހާ އެއާޕޯޓުން ފުރަން އުޅެ، އޭނާގެ ފްލައިޓް ކެޓުމުގެ ސަބަބުން އަނބުރާ ހުޅުމާލެ ގެސްޓްހައުސް އަކަސް ދާން ކާރުގައި ގޮސް ހުޅުމާލެއަށް ދެވުނު ތަނާހެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ ޓެކްސީގައި ހުޅުމާލޭގެ ނިރޮޅުމަގު 19 އާ ހިސާބަށް ގޮސް، ލައިގެން އިން ޓީޝާޓު ބާލައި ޓެކްސީ ޑްރައިވަރުގެ ކަރުގައި އޮޅާލި ކަމަށް ޑްރައިވަރުގެ އާއިލާއާ ހަވަލާދީ "މިހާރު" ގައި ރިޕޯޓު ކޮށްފައި ވެއެވެ. އޭރު އޭނާ އިނީ ޑްރައިވަރުގެ ސީޓަ ދިމާ ފަހަތު ގޮނޑީގައެވެ.

މިހާދިސާގައި ހަމަލާ ދިން އިންޑިއާ މީހާއާއި، ހަމަލާ އަމާޒުވި ދިވެހި މީހާއަކީވެސް ޒުވާން އުމުރުގެ މީހުންނެވެ.