ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރި ވެއްޖެއެވެ.

ކ. މާފުށިން ފުރައިގެން އައި ލޯންޗަކާ އެނބޫދޫ ފިނޮޅު ކައިރީ އޮތް ދޯންޏެއް ޖެހި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 20:41 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން އެހެން ލޯންޗެއްގައި މާލެ ގެންގޮސްދީފައިވާ ކަމަށާ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންގެ ބެލުމުގެ ދަށުން އެކްސިޑެންޓްވި ލޯންޗު މާލެ ގެނެސްދީފައިވާކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށާ މޯލްޑިވްސް ޕޮލިސް ސާވިސް އިން މި ހާދިސާ އިތުރަށް ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.