ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރު ވަމުން ދާ ދިއުން ކޮންޓްރޯލް ކުރުމަށްޓަކާ، ގައުމު ލޮކްޑައުން ކޮށްދިނުމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ އޮފިޝަލުން، އެ ގައުމުގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކޮވިޑް-19 ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ މަދުވެގެން 4 ހަފުތާގެ މުއްދަތަށް މުޅި ގައުމު ލޮކްޑައުންކޮށް، ކަރަންޓީން ކާފިއުގެ އަމުރު ތަންފީޒު ކޮށްދިނުމަށްވެސް ސިއްހީ އޮފިޝަލުން ވަނީ ލަންކާ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ މި ދަނޑިވަޅުގައި، މި ފަދަ ފިޔަވަޅުތަކެއ އެޅުމަކީ މުހިންމު ކަމެއް ކަމަށް ލަންކާގެ ސިއްހީ އޮފިޝަލުން ވަނީ އެ ގައުމުގެ ސަރުކާރަށް ދަންނަވާފައެވެ.

ލަންކާގެ އަދުގެ ހާލަތަށް ބަލާއިރު، ދުވަލެއްގެ މައްޗަށް މިހާރު އެވަރޭޖު ކޮށް 3000 އެއްހާ ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެއެވެ. އަދި ދުވާލަކު 100 އެއްހާ މީހުން، މި ބަލީގައި މަރުވާ ކަމަށްވެސް ވަނީ ރެކޯޑް ކޮށްފައެވެ.

ފާއިތުވީ 13 ދުވަހުގެ ތެރޭގައި އެކަނިވެސް 1000 އެއްހާ ކޮވިޑް މަރު ވަނީ ރިޕޯޓް ކޮށްފައެވެ. ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ވަނީ ކޮވިޑް-19 ގެ 19178 ކޭސް ރިޕޯޓް ކޮށްފައެވެ. އޭގެ ކުރީ ހަފުތާގައި ރިޕޯޓް ކުރީ 15588 ކޭހެވެ. ހަފުތާއިން ހަފުތާއަށް ކޭސް އިތުރުވި ނިސްބަތް އުޅެނީ 23 ޕަސެންޓްގައެވެ. މަރުވި މީހުންގެ އަދަދު ވަނީ 54 ޕަސެންޓް އިތުރު ވެފައެވެ.

ޕޭޝަންޓުން ގިނަވެ، ހޮސްޕިޓަލްތައް ފުރެމުން ދާއިރު، ގަބުރުތައް ގިނަވެގެން މޯޗަރީތައްވެސް ފުރެމުން ދާ ކަމަށް ހަބަރު ލިބެއެވެ.