ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 285،931 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަޑޯޒް ފުރިހަމަ ކޮށްފައި ވަނީ 331،654 މީހުންނެވެ. އޭގެތެރެއިން 285،931 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 8 ވަނަ ދުވަހު އަތޮޅުތެރެއިން 1130 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 481 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 649 މީހެކެވެ. ހަމައެއާއެކު މާލެއިން 1622 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 669 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 953 މީހެކެވެ.

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެސްޓްރާޒެނެކާ ވެކްސިން އެޕޮއިންޓްމަންޓް ނުހައްދާ ޖަހައިދޭން ވަނީ ނިންމާފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެކްސިން ހުރި ވަގުތު އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ 6 ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.