އޮޒެން ރިސޯޓު މާދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބައެއް މީހުންނަށް އަނިޔާ ވެއްޖެއެވެ. މިހާދިސާގައި 4 މީހަކަށް އަނިޔާވެގެން ވަނީ މާލެ ގެނެސްފައެވެ. އަނޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 3 ބިދޭސީންނެވެ. 3 ބިދޭސީންނަކީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. ދިިވެހި މީހާއަކީ ފިއުލް ސަޕްލައިގެ މުވައްޒަފެއްކަން ވަނީ އެނގިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ތެޔޮ ފީފާއެއްގައި ރޯވެގެންނެވެ. ނަމަވެސް މިހާރު އަލިފާން ނިއްވާލާފައި ވާކަމަ ށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާ އަލިފާން ރޯވީ ޕެޓްރޯލް ޓޭންކެއްގެ ކައިރީގައި ހުރި ފީފާއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށާއި ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އަނިޔާ ވި މީހުން ވަނީ ކޮންމެވެސް ވަރަކަށް ފިހިފައެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ސާފު ކުރަން ރިސޯޓަށް ގުޅުމުން މައުލޫމާތެއް ނުދިނެވެ.

މިޙާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރީ މިރޭ 7 ޖެހި ފަހުން ކަމަށާއި، އަދި 8:37 ހާ އިރު 4 މީހަކަށް އަނިޔާ ލިބިގެންވެސް ރިޕޯޓު ކުރި ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފުން އެ ރިސޯޓުގައި ހަރަކާތްތެރިވަނުން އެބަގެންދެއެވެ.

އޮޒެން ލައިފް މާދޫ ރިސޯޓު އޮންނަނީ މާލޭގެ ދެކުނުން 34 ކިލޯމީޓަރު ދުރުމިނުގައެވެ. އެއީ 5 ތަރީގެ ރިސޯޓެކެވެ.