ކޮވިޑް ވެކްސިންގެ އާ ޝިޕްމަންޓެއް ލިބޭއިރު މާދަމާ އިން ފެށިގެން އެސްޓްރާޒެނެކާ ވެކްސިން އެޕޮއިންޓްމަންޓް ނުހައްދާ ޖަހައިދޭން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، މާދަމާއިން ފެށިގެން އެޕޮއިންޓްމަންޓަކާ ނުލައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭ މާލޭގެ ސެންޓަރުތަކުން ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި، ނެޝަނަލް އާޓް ގެލެރީއާއި، ވިލިމާލެ ހޮސްޕިޓަލާއި، އިސްލާމިކް ސެންޓަރު (އިސްލާމީ މަރުކަޒު) ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ސެންޓަރުތަކުން ވެކްސިން ޖަހަން ދާ ފަރާތްތައް އެޕޮއިންޓްމަންޓް ހައްދަން ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހަން ދާ ކޮންމެ މީހަކަށް ވެސް ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖެހިފައިވާ އިރު އެ ވެކްސިނަކީ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ވެސް ޖެހޭނެ ވެކްސިނެކެވެ.

ރާއްޖެއަށް އެސްޓްރާޒެނެކާގެ ޝިޕްމަންޓެއް ލިބޭ އިރު ވަރަށް އަވަހަށް ފައިޒާ ވެކްސިންގެ ޝިޕްމަންޓެއް ލިބޭނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ. ފައިޒާ ވެކްސިން ލިބުމާ އެކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖަހައިދޭން ފަށަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްިސންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.