އިންޑޮނޭޝިއާގައި އެންމެ ހަލުވިކަމާއެކު ބަދަލު ވަމުން އަންނަ އަލިފާން ފަރުބަދައިގެ ގޮތުގައި ސިފަކުރާ މައުންޓް މެރާޕީ ގޮވައިފިއެވެ.

އިންޑޮނޭޝިއާގެ އެންމެ ބައިބޯ ރަށް ކަމަށް ވާ ޖާވާގައި ހުންނަ މި އަލިފާން ފަރުބަދަ ގޮވުމާއެކު ވައިގެ ތެރެއަށް ދުމާ އަޅިތައް އަރައިގެން ދިޔައިރު، ފަރުބަދައިގެ އަރިއަރި މަތިން، ބިމާ ހިސާބަށް ދިޔާ އަލިފާންގަނޑު ފޭބި ކަމަށް މައުލޫމާތު ލިބެއެވެ.

މައުންޓް މެރާޕީ ގޮވުމާއެކު، 7 ފަހަރެއްގެ މަތިން، ހޫނު އަޅީގެ ވިލާތައް އުފެދުނެވެ. މީގެ އިތުރުން ހިލަބުރިތަކާ ދިޔާ އަލިފާން އަދި ގޭސްތައް ބޭރުވި ކަމާށް ޔޮގްޔަކާޓާގެ ވޮލްކެނޮލޮޖީ އެންޑް ޖިއޮލޮޖިކަލް ހަޒާޑް މިޓިގޭޝަން ސެންޓަރުގެ އިސްވެރިޔާ ހަނީކް ހުމައިދާ ވިދާޅުވިއެވެ.

އަލިފާން ފަރުބަދައިގެ އަޑު ފަށްގަނޑު، އެތައް ކިލޯމީޓަރު ދުރަށްވެސް އިވުނެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ފާއިތުވީ ހަފުތާތަކަށް ބަލާއިރު މައުންޓް މެރާޕީގެ ހަރަކާތްތައް ވަނީ އިތުރު ވެފައެވެ. މެރާޕީއަކީ ފާއިތުވީ 120 އަހަރާސް ބަލާއިރު، އިންޑޮނޭޝީގައި ވާ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ. އަދި އެކި ފަހަރު މަތިން މި އަލިފާން ފަރުބަދަ ގޮވާފައިވެއެވެ. އެންމެ ފަހުން ބޮޑު ގޮވުމެއް ގޮވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ފަހަރުގެ ހާދިސާގައި 350 އެއްހާ މީހުންގެ ފުރާނަ ގެއްލުނެވެ.

270 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ބިންހެލުންތަކާ އަލިފާން ފަރުބަދަތަކުގެ ހަރަކާތްތައް ގިނަ ގައުމެކެވެ. މިފަދަ ހާދިސާތަކާ އެ ގައުމަށް ކުރިމަތިލާން ޖެހެނީ، ޖިއޮގްރަފީ ގޮތުން އެ ގައުމު އުފެދިފައި އޮންނަ ސަރަހައްދުގެ ގޮތުންނެވެ. އިންޑޮނޭޝިއާ އުފެދިފައި އޮންނަނީ ޕެސިފިކް ރިންގް އޮފް ފަޔާ ސަރަހައްދުގައެވެ.