މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ސިޓީ ކައުންސިލުން ކުރަމުން ގެންދިޔަ މަސައްކަތް އިންސާފުވެރި ނުވެދާނެތީ މެދުކަނޑާލައިފިއެވެ.
މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯއްދެވުމުގެ ގަލޮޅު އަވަށުގެ ރައްޔިތުންގެ ބައްދަލުވުމުގައި ގަލޮޅުގެ ރައްޔިތެއްގެ ފަރާތުން ހުށަހެޅި ހިޔާލަކާ ގުޅިގެން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފާހަގަކުރެއްވި ގޮތަށް އުޅަނދުތައް ނެގުމުގައި އެންމެ އިންސާފުވެރިކޮށް ނޫން ކަންތައްތައް ކުރެވޭކަމަށް ގަބޫލުކުރައްވައި އެ މަސައްކަތްކުރުމުގައި އިންސާފުވެރިކަން ކަށަވަރުކުރުމުގެ ގޮތްތައް ގެނައުމަށްޓަކައި ވަގުތީގޮތުން މިހާރުން ފެށިގެން އެ މަސައްކަތް ހުއްޓާލެއްވިކަމަށެވެ.
ގަލޮޅުގެ ރައްޔިތެއްގެ ފަރާތުން ހުށަހެޅީ މަގުތަކަށް ދޫކޮށްލެވިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަމުގައި ވިއަސް މިކަން ކުރެވެމުންދަނީ އިންސާފުވެރިކޮށް ނޫންކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި ދުވަސްވަރު ރައްޔިތުން އެތަން މިތަނުގައި ތާށިވެފައި ވާއިރު، އެ ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮއްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އިންސާފްވެރިގޮތެއް ނޫންކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނާއި ގުޅިގެން އުޅަނދުތައް ނަގަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.