ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުވިލާތަށް މިދިޔަ މަހު ކުރި ގަދަ ވިއްސާރަގައި ސުންނާފިވި ރަށްތައް ސާފު ކުރުމުގެ މަސައްކަތުގައި، ސީރިއާގެ ރެފިއުޖީން، ހަރަކާތްތެރި ދައުރެއް އަދާ ކޮށްފިއެވެ.

ޖަރުމަނުވިލާތުގައި ހަރަކާތްތެރިވާ ސީރިއަން ވޮލަންޓިއާޒް ގުރޫޕުން ބުނީ، ގަދަ ވިއްސާރަގައި ޖަރުމަނުވިލާތަށް ލިބުނު ގެއްލުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ފެނުނު ހިސާބުން، ސީރިއާގެ އެތައް ސަތޭކަ ރެފިއުޖީންނެއް އަވަސްވެގަތީ، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކާ ދިމާއަށް ކަމަށެވެ.

ސީރިއާ ރެފިއުޖީ ގުރޫޕުން ވަނީ ސުންފާތިވެފައިވާ ސަރަހައްދުތަކުގައި ވެއްޓިފައި އިމާރާތްތަކުގެ ބައިތައް ސާފު ކުރުމުގެ އިތުރުން، އިމާރާތްތަކުގެ އާބާތުރަ ފިލުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައެވެ. ސީރިއާގެ ރެފިއުޖީން އާރާސްތު ކުރި ތަންތަނުގެ ތެރޭގައި އެތައް ގަރުނެއް ވީ ފަޅިއެއްވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވެއެވެ.

ވޮލަންޓިއަރުންގެ ގުރޫޕުގެ ކަންކަން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ބަރަކާތު އުބައިދު ބުނީ، ސީރިއާގެ 1 މިލިއަން ރައްޔިތުން ޖަރުމަނުވިލާތުގައި އެބަތިބި ކަމަށާ، އުފަލާއި ހިތާމައިގެ ވަގުތުތަކުގައިވެސް އެ ރައްޔިތުން ވާނީ ޖަރުމަނުވިލާތުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

ގިނަ ވޮލަންޓިއަރުން ޖަރުމަނުވިލާތަށް ދަތުރު ކުރީ 2015 ވަނަ އަހަރުއެވެ. އެއީ ސީރިއާގެ ދާހިލީ ހަނގުރާމައިގެ އިތުރުން، އިންތިހާ ފަގީރު ކަމުން ސަލާމަތްވުމަށެވެ. އެ ދުވަސްވަރު ޖަރުމަނުން ވަނީ ސީރިއާ ރެފިއުޖީން ބަލައިގެންފައެވެ.

ދިރިއުޅެމުން ދިޔަ ގެތައް ސުންނާފަތި ވުމަކީ، ހަނގުރާމައިގެ އަނދަވަޅަކަށް ވެއްޓިފައި ވާ ސީރިއާގެ ރައްޔިތުންނަށް އާ ކަމަކަށް ނުވާއިރު، ގެ ގެއްލުމުން ކުރަން ޖެހޭ އިހުސާސްތައް އެމީހުންނަށް އެނގޭ ކަމަށް، ޖަރުމަނުގައި ހަރަކާތްތެރިވާ ސީރިއާގެ ރެފިއުޖީން ބުނެއެވެ.