ބަންގްލަދޭޝްގައި ހިނގި ހޮނު އެޅުމުގެ ހާދިސާއެއްގައި، ކައިވެނި ޕާޓީއަކާ ގުޅިފައިވާ 17 މީހަކު މަރުވެއްޖެއެވެ.

ކައިވެނި ކުރި ފިރިހެން މީހާއާއެކު، އިތުރު 14 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާއިރު، ހާދިސާ ހިނގި ތަނުގައި، ކައިވެނި ކުރި އަންހެން މީހާ ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގާފައި ވަނީ ޝިބްގަންޖު އަވަށުގެ ކޯރެއްގައި ދުއްވާފައި ދިޔަ ބޯޓަކުން މީހުން ފައިބަމުން ދިޔަ ވަގުތުގައެވެ. ހޮނުގުގުރީގެ ތޫފާނުގައި އެމީހުން ތާށިވިއިރު މިސްރާބު ޖަހާފައި ވަނީ ކައިވެނި ކުރި އަންހެން ކުއްޖާގެ ގެއަށް ދިއުމަށެވެ.

އެ ސަރަހައްދުގެ އާންމުން ހަބަރު ދޭ ގޮތުގައި، އެކި ފަހަރު މަތިން އެ ގުރޫޕުގެ މީހުންގެ ގަޔަށް ހޮނުއަޅާފައިވެއެވެ.

2016 ވަނަ އަހަރު، ބަންގްލަދޭޝްއިން ވަނީ ހޮނު އެޅުމަކީ ގުދުރަތީ ކާރިސާއެއް ކަމުގައި ކަނޑައަޅާފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ކޮންމެ އަހަރަކުވެސް މިފަދަ ހާދިސާތައް ހިނގާ، ގިނަ އަދަދެއްގެ ބަޔަކު މަރުވެއެވެ.

މި ދިޔަ ޖުލައި މަހު، އިންޑިއާގެ ޖައިޕޫރުގައި ހިނގި ހޮނު އެޅުމުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވިއެވެ. ހޮނު އެޅުމުގެ ހާދިސާގައި މަރުވި މީހުންނަކީ، ވާރޭ ވެހެމުން ދިޔައިރު، ޓްވެލްފްތު ސެންޗަރީ އެމެރް ފޯޓްގެ ވޮޗް ޓަވަރުގައި، ސެލްފީ ނަގަން ތިބި ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

އިންޑިއާގެ ނޭޝަންލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އިންޑިއާގައި ހިނގި މިފަދަ ހާދިސާތަކުގައި 2300 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މިފަދަ ހާދިސާތަކުގައި 2000 އަށްވުރެ ގިނަ މީހުންގެ ގެއްލިފައިވާކަމަށް އެ ރެކޯޑްތަކުން ދައްކައެވެ.