އައްޑޫގެ ބަނދަރު ތަރައްގީ ކޮށް އިރުމަތީ އެފްރިކާގެ ގައުމުތަކާ ގުޅާލުމަކީ އައްޑޫ ސިޓީއަށް ތަރައްގީ ލިބޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު "ކްލަބް ހައުސް" ގައި އޮތް ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ބަނދަރު ވަކި ކުންފުންޏެއްގެ ދަށުން ތަރައްގީ ކުރުމުގެ ވިސްނުމަކީ އަބަދުވެސް އެމްޑީޕީން ގެންގުޅުނު ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވެރިކަމަށް ވަޑައިގެން އެ ވިސްނުން ބަދަލު ކުރެއްވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދިވެސް އެމްޑީޕީގެ ވިސްނުމަކީ އައްޑޫގެ ބަނދަރު ވަކި ކުންފުންޏެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށާއި ބަނދަރު ތަރައްގީ ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކުރިން ވެސް އައްޑޫއާއި އިރުމަތީ އެފްރިކާގެ ދެމެދުގައި ދަތުރުތައް ކުރެވެމުން ދިޔަ ކަމަށާއި އަދި ބަނދަރުގެ ބޭނުން ކުރަން އެންމެ ރަނގަޅީ އައްޑޫއާއި އިރުމަތީ އެފްރިކާ ގުޅާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އިރުމަތީ އެފްރިކާގެ ބަނދަރުތައް ކަމުގައިވާ ކެންޔާގެ މުމްބާސާއާއި ޓެންޒޭނިއާގެ ދާރުއްސަލާމާއި، ސޯމާލިއާގެ މޮގުދިޝޫއާއި ޒަންޖިބާރު ފަދަ ބަނދަރުތަކާ އައްޑޫގެ ބަނދަރާ ގުޅައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ފެށިގެން އައްޑޫގެ ވިޔަފާރިވެރިންނާއި ދަތުރުވެރިން މި ބަނދަރުތަކަށް ދަތުރުކުރި ކަމަށާއި، އެންމެ ފަހުން އައްޑޫ ބަޔަކު ބެހިގެން ވެސް ގޮސްފައި ވަނީ މޮގުދިޝޫއަށް ކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން އަބަދުވެސް ދެކޭ ގޮތުގައި އައްޑޫގެ ބަނދަރު ތަރައްގީކޮށް ދުނިޔެއާ ގުޅުވައިލުމަކީ އައްޑޫއަށް ތަރައްގީ ލިބޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފާހަގަ ކުރެއްވި އެފްރިކާގެ ގައުމުތަކަކީ އެ ބިތުގައި އެންމެ ގިނަ ކަނޑުފޭރޭ މީހުން ހިމެނޭ ގައުމުތަކެވެ.