ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން އާބާދީގެ ނިސްބަތުން މިހާތަނަށް އެންމެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ވ.ތިނަދޫގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވ. ތިނަދޫގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 95 ޕަސަންޓް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ތިނަދޫގެ އާބާދީގެ 77 ފަސެންޓް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން އާންމު ކުރި މައުލޫމާތުން ދައްކައެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ މަދުން ވެކްސިން ޖަހާފައި ވަނީ ގއ. ދާންދޫގައެވެ. އެރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ އާބާދީގެ 9 ފަސެންޓް މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 274،949 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި 325،060 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ސަރުކާރުން ވަނީ ވެކްސިންގެ ދެ ޑޯޒް އަވަހަށް ފުރިހަމަކޮށް ކޮވިޑުން ރައްކާތެރި މުޖުތަމައެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ކޮވިޑްގައި ދިވެހިން މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއް ތަޖުރިބާ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވިއެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.

މިހާތަނަށް 77،758 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެއެވެ. އަދި 75،065 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،459އެވެ. ހޮސްޕިޓަލްގައި 16 މީހަކަށް ފަރުވާ ދެމުންދާއިރު ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 222އެވެ.