ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ޖުމްހޫރީ ޕާޓީން ވަކިވީ އެމީހުންނަށް ޖުމްހޫރީ ޕާޓީ ހަވާލު ނުކުރުމުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމް ޖޭޕީން ވަކިވެވަޑައިގެން ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައެވެ. މިދިޔަ ޖުލައި މަހު ޕާޓީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި އިރު، އަބްދުﷲ ރިޔާޒް ވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، ނާޒިމް އާއި ރިޔާޒް ބޭނުންވީ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕް ކަމަށެވެ. އެ ލީޑާޝިޕް ހޯދަން ބޭނުންވާ ނަމަ އެއީ އެތެރޭގެ އިންތިހާބުގައި ބައިވެރިވެގެން ކުރެވެން ހުންނަ ކަން ކަމަށާއި ޕާޓީގެ ލީޑާޝިޕަކީ އޭނާއަށް ހަވާލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، އެ ދެ ބޭފުޅުން ސިޔާސީ ދާއިރާގައި މިހާރު އެ ތިއްބެވި ހިސާބަށް ވަޑައިގެންނެވުނީ ގާސިމްގެ ވަރަށް ބުރަ މަސައްކަތްތަކަކާ އެކު ކަމަށާއި ނަމަވެސް އެކަން އެެ ދެބޭފުޅުން ބަލައިނުގަތް ކަމަށެވެ. އެގޮތުން ނާޒިމް ޖަލަށް ލުމުން އޭނާ ސަލާމަތް ކުރުމަށް ގާސިމް ކުރެއްވި މަސައްކަތް މުޅި ގައުމަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ ދިފާއުގައި އެތައް ޕޯޑޮއަމްއަކަށް އަރާ ވާހަކަ ދެއްކެވި ކަމަށާއި އެކަން ބަލައި ނުގަނެ މިއަދު އެ ދެބޭފުޅުން ކުރައްވާ މަސައްކަތަށް ގާސިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އޭނާއާ މެދު ރަނގަޅަށް ކަންތައް ނުކޮށްދީން މީހަކު އެހެން މީހަކަށް ނުވަތަ ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮށްދީފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ނާޒިމްއާއި ރިޔާޒް ލީޑާ ޝިޕް ބޭނުނވެވަޑައިގެން އުޅުއްވާ ކަމަށް ގާސިމް ވިދާޅުވާ އިރު، ނާޒިމް ވަނީ އޭނާ އިސްވެ އުފައްދާ އެމްއެންޕީގެ ފަރާތުން 2023 ގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.