ރ. ފައިނުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާ މިހާރު ކުރިޔަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ.

ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 5.38 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުން ހިމެނެއެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާ ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާ ކުރުމަށް 3 ތާނގި ބެހެއްޓުން ހިމެނޭކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެެވެ.

މީގެ އިތުރުން ގޭގޭގައި ފެން މީޓާރު ބެހެއްޓުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން 5.06 ކިލޯމީޓަރުގެ މައި ނެޓްވޯކް ގާއިމް ކުރުމާއި 943 މީޓަރުގެ ޕައިޕިން ލައިން އެޅުން ހިމެނެއެވެ. މީގެ އިތުރުން ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާ 3 ޕަމްޕިން ސްޓޭޝަނާ އަދި 1 ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނޭކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.

ފައިނުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން އެމްޑަބްލިއުއެސްސީ އަށް ހަވާލު ކޮށްގެން ކުރިޔަށް ގެންދާ 63،344،370.14 ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރަން ޖެހެއެވެ.