ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 271،552 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މި މަހު 1 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 323،568 މީހުންނެވެ. އޭގެތެރެއިން 271،552 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މި މަހުގެ 1 ވަނަ ދުވަހު މާލެއިން 1592 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 584 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 1008 މީހެކެވެ. ހަމައެއާއެކު ރަށްރަށުން އެ ދުވަހު ވަނީ 2574 މީހަކު ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 274 މީހަކާއި ދެވަނަ ޑޯޒް ޖެހި 2300 މީހެކެވެ.

ޖުލައި 31 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.