ކަނޑއެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާގައި ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ލުއި ދެމުން ދާއިރު، ސިނަމާތަކުގައި އަޅުވާ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ވެގެން ދާނީ އަކްޝޭ ކުމާރުގެ "ބެލްބޮޓަމް" ކަމަށް ދާއިރާގެ ހަބަރުތައް ބުނެފިއެވެ.

ޕޫޖާ އެންޓަޓެއިންމަންޓްއިން ޕްރޮޑިއުސް ކޮށްފައިވާ "ބެލްބޮޓަމް"، ތިއޭޓަރުތަކަށް އަންނަނީ ޓޫޑީގެ އިތުރުން ތުރީޑީ ފޯމެޓުގައެވެ.

ފިލްމުގެ ޓީޒާތަކާ ޓްރޭލާތައް، މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ދޫކޮށްލާފައި ވާއިރު، ތިއޭޓަރުތަކަށް ފިލްމު އަންނަ ހަބަރާއެކު ފޭނުންގެ މެދުގައި ބޮޑު ޝައުގެއް ވަނީ އުފެދިފައެވެ.

އަކްޝޭގެ އިތުރުން ވާނީ ކަޕޫރު، ލާރާ ދައްތާ އަދި ހުމާ ގުރައިޝީގެ އެކްޓިންގް ފެނިގެންދާ "ބެލްބޮޓަމް" ޑައިރެކްޓް ކޮށްފައި ވަނީ ރަންޖީތު އެމް ތިވާރީއެވެ. އަސީމް އަރޯރާއާއި ޕަރްވީޒް ޝައިހް ލިޔެފައި ވާ "ބެލްބޮޓަމް" ރިލީޒް ކުރަން ތާވަލު ކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ.

ސިނަމާތަކުގައި މަޝްހޫރު ފިލްމުތައް އެޅުވުމަށް އިންޑިއާއިން އަވަސްވެގެންފައި ވާ މި ދަނޑިވަޅަކީ، ކޮވިޑްގެ 3 ވަނަ ރާޅެއްގެ އިންޒާރު، ތަޖުރިބާކާރުން ދީފައިވާ ދަނޑިވަޅެކެވެ. އަދި 3 ވަނަ ރާޅު ނައިސް ނުދާނެ ކަމުގެ ސިގުނަލްތައް، އިންޑިއާގެ އެކި ހިސާބުތަކުން މިހާރުވެސް ވަނީ ލިބެން ފަށާފައި ކަން ފާހަގަ ކުރަން ޖެހެއެވެ.