ޔަހޫދީ ހުދުމުހުތާރު އިޒްރޭލުން، ޝައިހް ޖައްރާއިން ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގެތަކުން ނެރެމުން ދާ މައްސަލާގައި ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް، ފަލަސްތީނުގެ 4 އާއިލާއަކުން އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުން ފަސްކޮށްފިއެވެ.
ޝައިހް ޖައްރާގެ މައްސަލާގައި އިއްވާފައި ވާ ކޯޓު ހުކުމް އިސްތިއުނާފު ކުރުމަށް 4 އާއިލާއަކުން އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހަށަހަޅާފައިވަނީ، އެމީހުންނަކީ "ހިމާޔަތް ކުރެވިފައިވާ ޓެނަންޓްސް" ނުވަތަ ކުއްޔަށް ދިރިއުޅޭ ފަރާތުގެ ގޮތުގައި ކޯޓުން ސިފަ ކޮށްފައި އޮތުމާއި، އިޒްރޭލުގެ މިލްކުވެރިކަން އޮތް ކަމަށް ބަޔާން ކޮށްފައި ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
4 އާއިލާއެއްގެ މައްސަލާއާ ޖުމުލަ 70 އެއްހާ މީހުންގެ ދިރިއުޅުން ވަނީ ގުޅިފައެވެ.
އިޒްރޭލުގެ ދަށު ކޯޓުތަކުން ވަނީ، ޝައިހް ޖައްރާގައި ދިރިއުޅެމުން ދާ ފަލަސްތީނުގެ އާއިލާތައް އެ ގެތަކުން ނެރެ، ޔަހޫދީން އެތަންތަނުގައި ވަޒަން ވެރި ކުރުމަށް ހުއްދސަ ދީފައެވެ. ހުއްޖަތެއް ކަމުގައި ބުނަނީ، އެ ގެތަކަކީ 1948 ވަނަ އަހަރު އިޒްރޭލު "އުފަން ކުރުމުގެ" ކުރިން ޔަހޫދީންގެ މިލްކުވެރިކަން އޮތް ގެތަކެއް ކަމަށެވެ.
އެކަން އިސްތިއުނާފް ކުރުމުން، ކޯޓުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަކީ ހިމާޔަތް ލިބިފައިވާ ޓެނަންޓުން ކަމުގައި ބެލި ދާނެ ކަމަށާ، ނަމަވެސް މިލްކުވެރިންނަކީ އިޒްރޭލު ކަމަށް ކަނޑައަޅާ، ކުލީގެ ގޮތުގައި އަހަރީ ފީއެއް ދައްކަން އަންގާފައެވެ. ނަމަވެސް، ގެތަކުގެ ފަލަސްތީނު އަހުލުވެރިން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.
އިޒްރޭލުގެ ސުޕްރީމް ކޯޓުން އިސްތިއުނާފީ އަޑުއެހުން ފަސްކޮށްފައި ވާއިރު، ފަނޑިޔާރު އައިޒެކް އެމިޓް ވަނީ، އިތުރު ލިޔެކިއުންތައް ބޭނުން ވާކަމަށް ބުނެފައެވެ. އަދި ނިންމާ ގޮތެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށް ބުނި ނަމަވެސް، އެ ދުވަހެއް ބަޔާން ކޮށްދީފައެއް ނުވެއެވެ.
ޝައިހް ޖައްރާގެ ބިމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ މެއި މަހު ގޮތެއް ނިންމަން ޖެހުނު ނަމަވެސް އެކަންވެސް ފަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުންތައް އުފެދި، މެއި މަހު ކުރި 11 ދުވަހުގެ ހަނގުރާމައަށް މަގު ކޮށިގެން ދިޔައެވެ. ހަމަލާ ބަދަލު ކުރުންތައް މެއި 21 ވަނަ ދުވަހު ހުއްޓުމަކަށް ގެނައި ނަމަވެސް، ގެތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރު ކުރުމުގެ މަސައްކަތް، އިޒްރޭލުން ގެންދިޔައީ ކުރިއަށެވެ.