ހުސްވި ޖުލައި މަހުގެ މެދަކާ ހިސާބުން ފެށިގެން ޗައިނާގެ ހިނާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު، 302 އަށް އަރާފައި ވާ ކަމަށް، ޗައިނާގެ އޮފިޝަލުން ކަށަވަރު ކޮށްދެއްވައިފިއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން 50 މީހަކަށް ވީނުވީއެއް ނޭނގި، ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގަދަ ވިއްސާރައިގެ އަސަރު 13 މިލިއަނެއްހާ މީހުންނަށް ފޯރާފައި ވާއިރު، 9000 އެއްހާ ގެ، ވަނީ ހަލާކު ވެފައެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ޖޮންގްޖޯ ސިޓީއިންނެވެ. ގަދަ ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި، އެ ސިޓީގެ ސަބްވޭ ސިސްޓަމް މުޅިންހެން އޮތީ ފެނުއަޑީގައި ޣަރަގުވެފައެވެ. އެ ސިޓީއިން ވަނީ އާންމު ގޮތެއްގައި 1 އަހަރު ދުވަހުގެ ތެރޭގައި ރެކޯޑް ކުރާ މިންވަރުގެ ވިއްސާރަ، 3 ދުވަހުގެ ތެރޭގައި ކުރި ކަމަށް ރިޕޯޓް ކޮށްފައެވެ.

ދާއިރާގެ ތަޖުރިބާކާރުން ވަނީ، ހުސްވި މަހު ޗައިނާއާއި ވިލާތުގެ ބައެއް ގައުމުތަކަށް ކުރި ގަދަ ވިއްސާރައަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ހާދިސާތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް، އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.