ސަރުކާރު އޮފިސްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19 ގެ ވެކްސިން ދީ ފުރިހަމަކުރުމުގެ ކެމްޕޭން މިހާރު މާލެއާއި އަތޮޅުތަކުގައި ފަށާފައިވާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާއިރު މިފުރުސަތުގެ ބޭނުން އެންމެ ފުރިމައަށް ހިފާ، ވެކްސިން ޖެހުމަކީ ކޮވިޑް-19 އިން ރައްކާތެރިކަން ލިބިގަތުމަށާ ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެޗްޕީއޭއިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް ވެސް ބުނެފައެވެ.
އަދި ވެކްސިން ޖެހުމުގައި ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާނަމަ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން އެހެން ބުނެފައިވާއިރު ސެޕްޓެމްބަރު 1 ގެ ފަހުން ސްކޫލުތަކަށް ވަދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
ވެކްސިން ކެމްޕޭންގެ ދަށުން ވެކްސިން ނުޖަހާ މީހުންނަށް ސަރުކާރުން ދޭ ބައެއް ހިދުމަތްތައް ނުލިބޭ ގޮތް ހެދުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާ ގުޅިގެން ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.