ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދި އައިމިނަތު ޝިމާގެ މައްސަލައަށް ހުރަސްއަޅަނީ ކާކުތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ސުވާލުކުރައްވައިފިއެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި، ޝިމާއަށް ވީގޮތެއް މިހާ ގިނަ ދުވަސް ވީއިރު ނޭނގުނީ ކީއްވެތޯ އާ އެމައްސަލާގައި ހުރަސް އަޅަނީ ކާކުތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ޝަރީފު ވަނީ ސުވާލު ކުރައްވާފައެވެ. އަދި މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރު ކުރާނެ ދުވަސް ދުރު ނޫން ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ޝަރީފު އެހެން ވިދާޅުވީ ޝިމާ ގެއްލުމުގެ މައްސަލަ އާ ގުޅިގެން 2019 ވަނަ އަހަރު ލިޔެފައިވާ ހަބަރެއް ހިއްސާ ކުރަވަމުންނެވެ.

ޝިމާ ގެއްލިފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. ޝިމާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ޑިންގީގައި އޭނާއާއި އެކު ދަތުރު ކުރި އިބްރާހީމް ފަޒީލު ބުނެފައި ވެއެވެ.

ޝިމާގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ ކަމަށް އޭރު އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ. ޝިމާގެ މައްސަލަ ނުހިމެނެނީ، ކޮމިޝަންގެ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ހިނގާފައިވާ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާތީ ކަމަށާއި އެހެންކަމުން ކޮމިޝަނުން އިސްނަގައިގެން ޝިމާގެ މައްސަލަ ނުބެލޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.