އަފްގާސްނިސްތާނަށް ކުރި ވިއްސާރާގައި މަރުވި މީހުންގެ އަދަދު 113 އަށް އަރާ، ވީނުވީއެއް ނޭނގި، ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައި ވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ގަދައަށް ވިއްސާރަކޮށްފައި ވަނީ އެކަހެރިކޮށް އޮންނަ ކަމްދޭޝް ޑިސްޓްރިކްޓްއަށެވެ. ވެރިރަށް ކާބުލްގެ އިރުއުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދަކީ، ހަތިޔާރުއެޅި ހަނގުރާމަވެރި، ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލްގައި އޮތް ސަރަހައްދެކެވެ.

އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު، ޢަބްދުލް ސަމާއީ ޒަރުބީ ވިދާޅުވީ، 170 ގެ އެއްގެ 2 ބައިކުޅަ 1 ބައި ނުވަތަ މުޅިން ހަލާކުވެފައި ވާ ކަމަށާ، 300 އެއްހާ އާއިލާއަށް އަސަރު ފޯރާފައި ވާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން މުހިންމު ބުރިޖެއް ހަލާކުވެފައި ވާއިރު، ޒަރޫރީ އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސް އެޅިފައި ވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީން މައުލޫމާތު ދެއެވެ.

އަފްގާނިސްތާނުގެ މިނިސްޓްރީ ފޮ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، އެ ސަރަހައްދަކީ ތޯލިބާނުންގެ ދަށުގައި އޮތް ސަރަހައްދެއް ކަމުން، ޕްރޮވިންޝަލް ޓީމުތައް ފޮނުވުމަށް ހުރަސް އެޅިފައި ވާ ކަމަށެވެ. ނަމަވެސް، އަފްގާން ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ، އެ ޖަމިއްޔާގެ ސާވޭ ޓީމުތަކެއް އެ ސަރަހައްދަށް ދަތުރު ކޮށްފައި ވާ ކަމަށް ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އދއިން ވެސް ދަނީ ހާލުގައި ޖެހިފައި ވާ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަން ކާމިޔާބުވި ކަމެއް އަދި ސާފެއް ނުވެއެވެ.

މިފަދަ ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމަކީ އަފްގާނިސްތާނުގައި އާންމު ކަމެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުވެސް އަފްގާނިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި، 13 ޕްރޮވިންސަކުން، 150 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަހަރެއްގެ މައްޗަށް ބަލާއިރު، އެކި ގުދުރަތީ ކާރިސާތަކުގެ އަސަރު، 200000 އެއްހާ މީހުންނަށް ކުރެއެވެ.