ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާ ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު ތިން ވަނަ އަހަރަކަށް އެ ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފިއެވެ.

ބީއެމްއެލް އިން ބުނީ އަހަރު ދުވަހަށް ބެހިގެންދާ އެ އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާ ޑިޕާޓްމަންޓްތަކާ ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައިވާ ކަމަށެވެ.

ގްރެގުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބެޗް ގެ ބައިވެރިންނަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް.
ބީއެމްއެލް ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު

އެ ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ ޓްރެއިނިން ގެ މުއްދަތުގައި މުސާރަ ދެވޭނެ ކަމަށާއި އަދި ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ އެބޭންކުން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފް ކުރީ 2018 ވަނަ އަހަރު ކަމަށެވެ. އަދި މިހާތަނަން އެ ޕްރޮގްރާމުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 14 ފަރާތަކަށް ވަނީ ބީއެމްއެލްގެ ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބީއެމްއެލްއަށް ވަނީ ލިބިފައެވެ.