ކޮވިޑް 19 ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވިތާ 510 ދުވަސްވެފައިވާއިރު މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގެ ސިއްހީ އިދާރާތަކުން ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑްގެ ރާޅުތަކާ ހަނގުރާމަކުރަމުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދިޔައީ ހަމަ އަހަރުމެންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައެވެ.
މިގޮތުން މި ބަލިމަޑުކަމުން އަރައިގަތުމަށް ނުވަތަ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބަލިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމެވެ. މިއީ ހަމަގައިމުވެސް ސިއްހީ މާހިރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަށް އެއްބާރުލުން ދެވޭނީ ހުދު ތިމާއަށެވެ.
ކޮންމެ ފަރުދެއްވެސް އިސްކަންދޭންވި ކަމަކީ މިވަގުތު ވެކްސިން ފުރިހަމަކުރުމެވެ. އޯގަސްޓް މަހުގެ ނިޔަލަށް އާބާދީގެ 90 ޕަސަންޓަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު މި އަމާޒުގައި ކުލަ ޖެއްސުމަށް ތިބީ ހަމަ އަހަރުމެން ކޮންމެ ފަރުދެކެވެ. އެހެންކަމުން ފަރުދީ ޒިންމާ އަދާކޮށް އަވަހަށް ވެކްސިން ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެމްފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށް ވެކްސިން ޖެހުމުގެ މުހިންމުކަން ހާމަކޮށްދެއްވާފައެވެ. އަދި އޭޝިއާގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އާބާދީގެ ނިސްބަތުން ވެކްސިން ފުރިހަމަކޮށްފައިވާ އެންމެ މަތީ ގައުމަކީ ދިވެހި ރާއްޖެކަމަށް ވެސް ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.
ވެކްސިނާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ނުލިބެނީތަ؟
ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިނުވާއިރު ވެކްސިން ފުރިހަމަ ނުކުރަނީ ކޮން ސަބަބަކާމެދު ވިސްނަން ޖެހެއެވެ. ވެކްސިން ނުޖަހަނީ ވެކްސިނާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތު ނުލިބިގެންތޯ ނުވަތަ ވެކްސިން ނުޖަހަނީ ކޮން ސަބަބަކާ ހުރެތޯ ވެސް ބަލަން ޖެހެއެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ބޮޑު ރޯލެއް އަދާކުރާއިރު މި ނިއުމަތުގެ ބޭނުން ނުހިފައި ތިބޭނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކަމާމެދު ޝައްކެއް ނެތެވެ.
ވެކްސިނާ ގުޅޭ މައުލޫމާތު ވެކްސިން ޖަހާ ސެންޓަރުތަކުންނާއި ހެލްތް ޕްރޮތެކްޝަން އޭޖެންސީގެ ވެބްސައިޓްތަކުން އަދި އެކި މީޑިއާތަކުގެ ޕްލެޓްފޯމްތަކުން ވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ގޭގޭގެ ފާރުތަކާ ކައުންސިލް އަދި މަރުކަޒުތަކާ ހޮސްޕިޓަލުތަކުގެ ނޯޓިސްބޯޑުތަކުން ވެސް މި މައުލޫމާތު ފަސޭހަކަމާއެކު ލިބެން ހުރެއެވެ. އެހެންކަމުން ވެކްސިނާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ނުލިބިގެން ވެކްސިން ނުޖަހާ ހުރުމަކީ ދެއްކޭ ބަހަނާއެކެވެ.
ވެކްސިން ޖަހަންވީ ކީއްވެ؟ ވެކްސިނުން ބަލިން ދިފާއުވުމަށް އެހީތެރިވެދޭތަ؟
އަދިވެސް ވަރަށް ގިނަ މީހުންގެ ހިތްތަކުގައި އުފެދޭ އެއް ސުވާލަކީ ވެކްސިން ޖަހަންވީ ކީއްވެ؟ މި ސުވާލެވެ. އަދި ވެކްސިނަކީ ކޮވިޑް ބަލިން ދިފާއުވުމަށް އެހީތެރިވެދޭ އެއްޗެއްތޯ؟ މީ ވެސް ވަރަށް ގިނަ މީހުންގެ ހިތްތަކުގައި އުފެދޭ ސުވާލެކެވެ. ވެކްސިން ސެންޓަރުތަކުންނާއި ސިއްހީ ހިދުމަތްތެރިން ދެއްވާ މައުލޫމާތުގެ މައްޗަށް ބުރަވާއިރު ކޮވިޑް ވެކްސިނަކީ ބަލިން ދިފާއުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ވަސީލަތެކެވެ.
މިގޮތުން ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައިވާނަމަ ބަލިން ދިފާއުވުމުގެ އަދި ބަލި ޖެހުނު ނަމަވެސް ބަލީގައި ނުރައްކާވާ ހިސާބަށް ދިއުމުގެ މިންވަރު ކުޑަކޮށްދެއެވެ. ރާއްޖޭގައި މިވަގުތު ދެމުން ގެންދަނީ 2 ބްރޭންޑެއްގެ ވެކްސިނެވެ. އެއީ ސިނޮފާމް ވެކްސިނާ އެސްޓްރާޒެނެކާ ވެކްސިނެވެ.
ރާއްޖޭގެ ގިނަ ބަޔަކު ޖަހާފައިވާ ކޮވިޝީލްޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާނަމަ ކޮވިޑް ބަލި ޖެހުމުގެ 60 ޕަސަންޓު ދުރުކޮށްދެއެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މިންވަރު 95 ޕަސަންޓު ދުރުކޮށްދެކަމަށް ސިއްހީ މާހިރުން ބުނެއެވެ. ރާއްޖޭގައި ދެމުންގެންދާ ވެކްސިންގެ ތެރެއިން ސިނޮފާމް ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާނަމަ ބަލިޖެހުމުގެ 78 ޕަސަންޓު އަދި ބަލި ޖެހުނު ނަމަވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މިންވަރު 79 ޕަސަންޓު ދަށޤކޮށްދޭކަމަށް ވެސް ސިއްހީ މާހިރުން ބުނެއެވެ.
އެހެންކަމުން މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ފެންނަގޮތުގައި ކޮވިޑް ވެކްސިނަކީ ބަލިން ރައްކާތެރިވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ވަސީލަތެކެވެ.
ވެކްސިން އެބަހުރި. ވީހާވެސް އަވަހަކަށް ޖެހުން މުހިންމު.
ރާއްޖޭގެ 56 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަރަށް ބޮޑަށް ވަނީ ވެކްސިން ޖެހުމަށް ބާރުއަޅުއްވާފައެވެ. އަދި ރާއްޖޭގެ އާބާދީއަށް ޖެހޭނެވަރަށް ވެކްސިން މިހާރު އެބަހުރި ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެޗްޕީއޭއިން ވެސް ވަނީ ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާތިބި އެންމެންނަށް ވެކްސިން ޖެހޭވަރަށް ވެކްސިން ލިބިފައިވާކަން ހާމަކޮށްފައެވެ. އެހެންކަމުން ވެކްސިން ހުރި ވަގުތު އެންމެންވެސް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވެކްސިން ޖަހަން ބޭނުން. ކިހިނެއްހަދަންޖެހެނީ؟
އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ޖެހުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެރަށެއްގެ ވެކްސިން ސެންޓަރުން އިއުލާނު ކޮށްފައިވާ ގަޑިއަށް ވެކްސިން ސެންޓަރަށް ގޮސް ވެކްސިން ޖެހޭނެއެވެ. ދިގު ކިއުއެއްގައި މަޑުކުރަން ނުޖެހި 15 މިނެޓުތެރޭގައި އެކަން ނިންމާލެވެއެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައި ވެސް މިހާރު ކޮވިޑް ވެކްސިން ޖެހުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެ މީހަކަށް ފަސޭހަ ގަޑިއަކަށް އެޕޮއިންޓްމަންޓް ހައްދައިގެން އެ ވަގުތު ގޮސް ވެކްސިން ޖެހުމަށްފަހު 15 މިނެޓު މަޑުކޮށްލާފަ ގެޔަށް އަންނަންވީއެވެ. ކުރިޔާލާ ކިއު ހަދަން ގޮސް ނަންބަރު ނަގާކަށް ނުޖެހެއެވެ.
ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާނަމަ އެޗްޕީއޭގެ ވެކްސިނޭޝަން ޕޯޓަލް އަށް ވަނުމަށްފަހު އައިޑީކާޑުގައިވާ ގޮތަށް މައުލޫމާތު ފުރިހަމަކުރުމަށްފަހު ވެކްސިން ޖަހަން ދާން ބޭނުންވާ ތާރީހާއި ގަޑި އިހްތިޔާރުކުރަންޖެހެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސް އެއް ލިބޭނެއެވެ. ވެކްސިން ޖަހަން ގޮސް މި އެސްއެމްއެސް ސެންޓަރަށް ދައްކަންވާނެއެވެ.
މިހާ ފަސޭހައިން ކުރެވޭ ކަމެއްގައި ލަސްކުރަންވީ ސަބަބެއް ނެތެވެ. ވެކްސިން އަދި ޖަހާފައިނުވާނަމަ އަވަހަށް އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ވެކްސިން ޖަހަންދާށެވެ. މި ބަލިމަޑުކަމުން އަރައިގަނެވެން އޮތީ ވެކްސިންވެސް ފުރިހަމަކުރުމުންނެވެ.