މާލޭގެ މަގުމަތީ ހުންނަތާ ގިނަދުވަސްވެފައިވާ ވެހިކަލްތައް މާދަމާ ނަގަން ފަށަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ނަގަން ނިންމާފައިވާ ކަމަށެެވެ.
އެގޮތުން ފުލުހުންނާ ގުޅިގެން މާދަމާއިން ފެށިގެން އެ ވެހިކަލްތައް ނަގަން ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުން ވެހިކަލްތައް ނެގުމުގެ ކުރިން ވެހިކަލްތަކުގެ ވެރިފަރާތުން ވެހިކަލްތައް ނަގަައި މަގުމަތި ސާފުކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެތަކެތި ނައްތާލާނެ ކަމަށެވެ.
ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
މާލޭ މަގުތަކުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ވެހިކަލް ބޭނުން ނުކޮށް ބަހައްޓާފައި އެބަހުއްޓެވެ.