ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ.ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.

މިތަން ފަރުމާކުރެވިފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެހެނެވެ.

ސާފު ރީތިފެން ލިބޭނެހެން ތަރައްގީކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް މި ސަރަހައްދުގައި ހުންނާނެއެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެކެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިހާރު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ ކަމަށެވެ.

" ބޮޑުފޮޅުދޫ އަކީ މަސްވެރިން ގިނަ ރަށެއް. މިރަށަށް ތާޒާ އަދި ގަނޑުކުރެވިފައިވާ މަސް ވިއްކުމަށްވެސް އެކި ދޯނި ފަހަރު އަންނާނެ. އެހެން ކަމުން މަސްކަނޑަން ހާއްސަ ސަރަހައްދެއް ނެތުމުން މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރު މައްޗަށް. އަދި ކުނި އުކާލަނީ މި ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް. މިހާރު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވި ރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުފަލެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."
ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް

މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބް ގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް ގިނަ ރަށްރަށަށް ވަނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ.

މި އަހަރު ތެރޭ ބީއެމްއެލް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އިތުރު 10 ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން މީގެ ކުރިން ވަނީ ބުނެފައެވެ.

ރަށްރަށުގެ އާންމު ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައެވެ.