ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާއާ ދެމެދު ކުރާ ހަނޑުލުގެ ވިޔަފާރީގެ އިތުރުން، އިންޑިއާގެ މިރުހަށް ޗައިނާގައި އޮންނަ ޑިމާންޑް އިތުރު ވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ފުޅާ ދާއިރާއެއްގައި މިރުސް ހައްދާ ގައުމެއްގެ ގޮތުގައި ޗައިނާ އޮތް ކަމުގައި ވީ ނަމަވެސް، ޗައިނާގެ ކެއުންތަކަށް ބޭނުންވާ މިރުސް، އިންޑިއާއިން އިމްޕޯޓް ކުރަން ފަށާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާގެ އެކްސްޕޯޓް ވިޔަފާރީގެ ބައިވެރިއަކު، އެ ގައުމުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ދުނިޔޭގައި ހައްދާ މިރުހުގެ 45 ޕަސެންޓަކީ ޗައިނާ ހިއްސާ ކަމުގައި ވީ ނަމަވެސް، އެ ގައުމުން މިހާރު އިންޑިއާ މިރުސް އެތެރެ ކުރަން ފަށާފައި ވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަނީ، އިންޑިއާ މިރުސް ރަނގަޅުވެފައި، ކުޅި ގަދަވުމުން ކަމަށްވެސް އެކްސްޕޯޓާ ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގައި މިރުސް ހައްދާ ދަނޑުވެރިއެއް / ފޮޓޯ: އައިއައިއެޗްއާރް

ޗައިނާގެ ޝީންހުއާއިން ހަބަރު ދޭ ގޮތުގައި އެ ގައުމުގައި ގިނަ އަދަކަށް މިރުސް ހެއްދި ކަމުގައި ވީ ނަމަވެސް، އާދަޔާ ހިލާފަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމުގެ ސަބަބުން، ގިނަ އަދަދެއްގެ ގަސްތައް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރުވެސް ޗައިނާގައި މިރުސް ހައްދާ ފަރާތްތަކަށް ފޯރި ކަމަށް އިންޑިއާގެ އެކްސްޕޯޓާ ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާ މިރުހަށް ޗައިނާއިން ކުރާ ޑިމާންޑް އިތުރު ވަމުން އަންނައިރު، އިންޑިއާ މިރުހުގައި ތައްޔާރު ކުރާ ޗިލީ ޕައުޑަރަށް، ދެކުނު އިރުމަތީ އޭޝިއާ އަދި މެދުއިރުމަތިން ކުރާ ޑިމާންޑްވެސް އިތުރު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މިރުސް އެކްސްޕޯޓަށް ބަލާއިރު، އެކި ބާވަތް ބާވަތުގެ ރަތް މިރުހުގެ 601500 ޓަނުގެ މިރުސް، 2020-2021 ގައި ވަނީ އެގައުމުން ބޭރު ކޮށްފައެވެ.