ދަ ރިޒް ކާލްޓަން ސްޕާ ރިސޯޓުގެ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. އަތޮޮޅު ގަމަރުގިރި ކައިރީގައި އޮންނަ "ރިޒް ކާލްޓަން ސްޕާ" ރިސޯޓުގެ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާ ރިޕޯޓު ލިބިފައި ވަނީ މިއަދު 12:29 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެ ހާދިސާ ދިމާވީ ކިހިނެއް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އަލިފާނުގެ ހާދިސާތަކެއް ހިނގާފައި ވެއެވެ. އެގޮތުން އެދުވަހު ވަނީ ވިލިމާލެގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހދ. ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެ އެނދި ހާދިސާއެއްވެސް ފާހަގަ ކުރެވެއެވެ.