ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭ ސިޓީ ކައުންސިލުން މާލޭގައި ހަދައިފިއެވެ.

މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާނުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ މި ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދަށް 20 ޖާގަ ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ މީހުންނަށް 15 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ބާކީ ފަސް ޖާގަ ދޫކުރަނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުނދަގު ދުއްވާ މީހުންނަށެވެ.

އާންމު އުސޫލެއްގެ ގޮތުން ވެހިކަލްތައް އެރުވުމާއި ދުއްވުން ވެސް މަނާކޮށްފައިވާ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނުން ޖާގަ ދޫކުރަނީ 350 ކިލޯ އިން ދަށުގެ ޕިކަޕާއި ކާރު އަދި ވޭން ތަކަށެވެ. މި ޕާކިން ޒޯނުން ޖާގަ ދޫކުރަން ވަރަށް އަވަހަށް ފަށަން ނިންމާފައި ވާއިރު، ޖާގަ ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ. އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީ އާއި އުޅަނދުގެ ރަޖިސްޓަރީ ކޮޕީއަކާއި ރޯޑްވާދިނަސް ހެއްދި ކަމުގެ ލިޔުމާއި އަހަރީ ފީގެ ލިޔުމުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެއެވެ.

މާލޭގެ ޕާކިން ޒޯނުތަކުން ޖާގަ ދޫކުރަނީ ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕަށް ނަމަ މަހަކު 750 ރުފިޔާ ގެ ފީއެއް ނަގާ ގޮތަށެވެ. އެހެނިހެން އުޅަނދުތަކަށް ނަގާނީ މަހަކު 1،500 ރުފިޔާއެވެ. އެކަމަކު، މިއީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން ކައުންސިލުން ވަކި ގޮތެއް ނިންމަންދެން ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕް ފިޔަވައި އެހެނިހެން އުޅަނދުތަކަށް ނަގާނީ 1،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.