ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއިއެކު އިޖުތިމާއީ ޖިނާއީ ޖަރީމާތަކަށް މަގުފަހި ވެފައި ވާ ހިނދު، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ދައުލަތްތަކުން ފިޔަވަޅު އެޅުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިތުރު 124 މިލިއަން މީހަކު އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓިފައި ވާއިރު، އެތައް މިލިއަން ބަޔަކު ވަނީ، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވުމުގެ އަނދަވަޅަށް ހުށަހެޅިފައި ކަމަށްވެސް ގުޓެރޭޒް ވިދާޅުވިއެވެ.

އިންސާނީ ވަގުފާރީއާ ދެކޮޅަށް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހާ ދިމާކޮށް، ގުޓެރޭޒް ވަނީ، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން، އިންސާނީ ވަގުފާރީގެ ޖަރީމާގެ ޝިކާރައަކަށް ވާ މީހުންގެ ތެރެއިން، 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ ކުޑަކުދިން ކަން ފާހަގަ ކުރައްވާފައެވެ. އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ ގިނަ މީހުންނަކީ، މަޖުބޫރީ ހާލަތުގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުވުމަށް ޝިކާރަ ކޮށްފައި ވާ މީހުން ކަން ވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ރެފިއުޖީ ކުދިން / ފޮޓޯ: ގެޓީ އިމޭޖަޒް

އެންމެ ނާޒުކު ފައްތަރުގައި ތިބި މީހުން ދެނެގަތުމަށްޓަކާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޖިނާއީ ކުށްވެރިން ދަނީ ޓެކްނޮލޮޖީގެ ބޭނުން ކުރަމުން ކަމަށާ، މި ހާލަތުގައި ތިބި މީހުން ކޮންޓްރޯލް ކޮށް އެ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން ދަނީވެސް ޓެކްނޮލޮޖީގެ އެހީގައި ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ޖިންސާނީ ނާޖާއިޒު ފައިދާ ނެގުމަށާ، މަޖުބޫރުން ކައިވެނި ކުރުވުމުގެ އިތުރުންވެސް އެތައް ލާއިންސާނީ ޖަރީމާއެއްގެ ޝިކާރައަކަށް ކުޑަކުދިން ހަދަމުން ދަނީ، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 30 ވަނަ ދުވަސް ފާހަގަ ކުރަނީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ކަމަށް ވާއިރު، މި އަހަރުގެ މި ދުވަހާ ގުޅުވައިގެން ޔޫއެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ވަނީ، ހާއްސަ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައި ވާ މީހުންގެ ފަރާތުން މިހާތަނަށް ނުއިވި ހުރި އަޑުތައް މުޖުތަމައަށް އިއްވައިދީގެން، މި ޖަރީމާ ހުއްޓުވުމެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ކުދިންކޮޅެއް/ފޮޓޯ: މުޙައްމަދު ހުސައިން

ޔޫއެންއޯޑީސީގެ އެގްޒެކެޓިވް ޑައިރެކްޓާ ޣަދާ ވަލީ ވިދާޅުވީ، ޝިކާރައަކަށް ވީ މީހުންގެ އަޑަކީ، އިންސާނީ ވަގުފާރި ހުއްޓުވުމާ، އިންސާނީ ވަގުފާރީގެ ވޭނުން އަރައިގަނެވިފައި ވާ މީހުންނަށް އެއްބާރުލުން ދިނުމަށް މުހިންމު އަޑުތަކެއް ކަމަށާ، ހަމަ މިފަދައިން، މި އަޑުތަކަކީ، ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންވެސް މުހިންމު އަޑުތަކެއް ކަމަށެވެ. ކޮވިޑް-19އާއެކު ވަގުފާރިއަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އޮތް އިރު، އަނިޔާ ލިބިފައި ވާ މީހުންގެ ހިއްސާ، އިހުނަށް ވުރެ މުހިންމު ވެފައި ވާ ކަންވެސް ޔޫއެންއޯޑީސީގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަލީ ވަނީ، އަނިޔާ ލިބިފައިވާ މީހުންގެ އަޑުތައް އިއްވައި ދިނުމަށް، މެންބަރު ގައުމުތަކުން އެއްބާރުލުން ދިނުމަށްވެސް އެދިވަޑައިގެންފައެވެ.

އިންސާނީ ވަގުފާރިއާ ބެހޭ އދގެ ހާއްސަ ތަޖުރިބާކާރުން ސަޔޮބާން މުލޭލީ ވިދާޅުވީ، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ގޮތުގައި އެކުދިންނާ އަޅާލާ، އެކުދިންނަށް ރައްކާތެރި ކަން ދިނުމުގެ ބަދަލުގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައި ވާ ކުދިންނާ މެދު އަމަލު ކުރަމުން އަނީ އާންމު ހިޖުރަވެރިންގެ ބީދައިން ކަމަށެވެ. ނުވިތާކަށް، ޖިނާއީ އިމުގެ ތެރެއިން ޝަރީއަތަށްވެސް އެކުދިން ހުށަހެޅި، އެމީހުންގެ އުމުރާއި ސައްހަ ކަމާ މެދު ސުވާލު އުފައްދާ ކަމަށާ މުލޭލީ ވިދާޅުވިއެވެ.

އާންގް ސަން ސޫޗީގެ ވެރިކަމުގައި މިޔަންމާގެ މުސްލިމުން ދިރިއުޅެމުން ދިޔައީ އަންގަމަތި ޖަލެއްގައި / ފޮޓޯ: އަލްޖަޒީރާ

ނަސްލީ ތަފާތު ކުރުންތަކާ، ދީނީ ހިޔާލު ތަފާތުވުންތަކުގެ އިތުރުން ޖިންސުގެ ފަރަގުން އުފެދޭ ތަފާތު ކުރުންތަކާއެކު، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ މީހުން ނުރައްކަލަށް ހުށަހެޅި، މި ޖަރީމާ ހިންގާ މީހުންނަށް އިތުރު ހިތްވަރު ލިބިގެން ދާ ކަން މުލޭލީ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންސާނީ ވަގުފާރީ ހުއްޓުވާ، އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން، މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

އަދި ވަގުފާރީގެ ޝިކާރައަކަށް ވެފައި ވާ މީހުންގެ އަޑުތައް، ތަފާތު ކުރުމެއް ނެތި އިއްވައިދިނުމަށް މުލޭލީ ވަނީ ގޮވާލައްވާފައެވެ.