ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 263،067 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 28 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،594 މީހުންނެވެ. އޭގެތެރެއިން 263،067 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މި މަހުގެ 28 ވަނަ ދުވަހު މާލެއިން 210 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 3 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 207 މީހެކެވެ. ހަމައެއާއެކު ރަށްރަށުން އެ ދުވަހު ވަނީ 800 މީހަކު ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 68 މީހަކާއި ދެވަނަ ޑޯޒް ޖެހި 732 މީހެކެވެ.

އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން ވަނީ ފަށައިފިއެވެ.

ޖުލައި 30 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ފަށާފައިވަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތި ވެ ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ދޭން ފަށާފައެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަން ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.