ދުވާފަރުގައި ކޮވިޑް ފެތުރިފައިވާ އިރު، މިއަދު ކޮވިޑް މެނޭޖުކުރާ ފަރާތްތަކުގެ އިހުމާލެ މީހަކު މަރުވިކަމަށް ބުނެ އާންމުންގެ ތެރެއިން ބަޔަކު އެ ރަށުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށުން ކޮވިޑްގައި 4 މީހަކު މަރުވެއްޖެ ކަމަށާއި މިއަދު މަރުވި މީހާ މަރުވީ އޮކްސިޖަން ހުސްވެގެން ކަމަށް ބައެއް އާންމުން ވާހަކަ ދައްކާކަމަށެވެ. އޭނާ އިތުރަށް ބުނީ ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށަކީ މިހާރު ދުވާފަރު ކަމަށް ވާއިރު ބަލި މެނޭޖްކުރުމުގައި ކަމާ ބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ވެސް ރައްޔިތުން ބުނާ ކަމަށެވެ.

މިއަދު އެ ރަށުން ކޮވިޑްގައި މަރުވެފައި ވަނީ އުމުރުން ދުވަސްވީ ހައިރިސްކު އަންހެނެކެވެ.

މިއަދު މަރުވި އަންހެން މީހާއަކީ ހާލު ބޮޑުވެގެން އިރު އޮއްސުނު ފަހުން ހޮސްޕިޓަލަށް ގެންދިޔަ މީހަކެވެ. އޭނާ މަރުވީ މިރެއެވެ.

ރ. ދުވާފަރުގައި ކޮވިޑް ފެތުރި 24 ގަޑ އިރު ކާފިއު ހިންގާ ހުރިހާ ގެއަކުން ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރިން ކުރިއެވެ. މިދިޔަ ޖޫން މަހުން ފެށިގެން ހާލަތު ގޯސްވި ނަމަވެސް ފަހުން މޮނިޓަރިންގައި އޮތް ދުވާފަރުގައި ކޮވީޑް މެނޭޖު ނުކުރެވޭ ކަމަށް ރަށުގެ ގިނަ ބަޔަކު އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިރޭ އާންމުން ކުރަމުން ދާ އިހުތިޖާޖާ ގުޅޭ ގޮތުން، ދުވާފަރު ކައުންސިލް އަދި ކޮވިޑް ޓާސްކްފޯހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

މިރޭ ދުވާފަރުން މަރުވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 221 އަށް ވަނީ އަރާފައެވެ.