ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، ގަދަ ބާރުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގައިފިނަމަ، މުޅި ބައިނަލްއަގުވާމީ މުޖުތަމައުން އަފްގާނިސްތާނު އެކަހެރިވާނެ ކަމަށް، އެމެރިކާގެ ފޮރިން މިނިސްޓަރު، އެންޓޮނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި، ނޫސްވެރިންނާ ބައްދަލު ކުރައްވާ، ވާހަކަދައްކަވަމުން ބްލިންކަން ވިދާޅުވީ، އަމިއްލަ ގައުމުގެ މީހުންގެ ހައްގުތަކަށް އިހުތިރާމް ނުކުރާ، އަދި އަމިއްލަ ގައުމުގެ މީހުންނާ މެދު އެކި ކަހަލަ ޖަރީމާތައް ހިންގާ އަފްގާނިސްތާނަކީ، ބައިނަލްއަގުވާމީ މުޖުތަމައުން ބާކީ ކުރާނެ ގައުމަކަށް ވެގެން ދާނެ ކަމަށެވެ.

މި ދަނޑިވަޅަކީ، އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައިވާ ހަނގުރާމަވެރި ތޯލިބާނުންގެ ވަފުދެއް، އެމެރިކާގެ އަދުއްވުގެ ގޮތުގައި އޮތް ޗައިނާއަށް ދަތުރުކޮށް، އަފްގާނިސްތާނުގެ ފަސްގަނޑަކީ ޗައިނާއާ ދެކޮޅަށް ހަމަލާ ރާވާނެ ފަސްގަނަޑަކަށް ވުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން، ޗައިނާއަށް ދީފައި ވާ ދަނޑިވަޅެކެވެ.

އަފްގާނިސްތާނާ ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގެ ބޮޑު ކޮންޓްރޯލެއް މިހާރު ނަގާފައި ވަނީ ތޯލިބާން ހަނގުރާމަވެރިން ކަން ފާހަގަ ކުރަން ޖެހެއެވެ. އަފްގާނިސްތާނާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދަކީ، ޗައިނާއިން އެބަޔަކާ ދެކޮޅަށް ލާއިންސާނީ އަނިޔާ ދެމުން ދާ ވީގޫރު މުސްލިމުން، ވަކިވެގަތުމުގެ ހަރަކާތް ހިންގަން ބޭނުން ކޮށްފާނެ ސަރަހައްދެއް ކަމުގެ ބިރު، ޗައިނާގެ ސަރުކާރުގެ ހިތުގައި އުފެދިފައި ވާ ސަރަހައްދެކެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް އެއްބާރުލުން ދެނިވި ރޫހެއްގައި ތޯލިބާނުން ވާހަކަދައްކަމުން ދާއިރު، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވަނީ، ސިޔާސީ އެއްބަސްވުމަކަށް ދިއުމުގެ ކުތިން، ތޯލިބާން ހަނގުރާމަވެރިންނާއި އެ ބައި މީހުންނަށް ތާއީދު ކުރާ މީހުންގެ ވާހަކަތައް މުރާޖައާ ކުރަން ގޮވާލައްވާފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން އަފްގާން-ތޯލިބާނުން ބަލައިގަނެ، އެ ޖަމާއަތުގެ މެންބަރުންނަށް މިނިވަންކަމާއެކު ދަތުރު ކުރުމުގެ ފުރުސަތު އެދިގެން ތޯލިބާން ޖަމާއަތް އޮތް ކަމުގައި ވީ ނަމަވެއް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ގަދަ ބާރުން ވެރިކަން ހޯދައިފިނަމަ، އެ އަމާޒުތަކަށް ވާސިލު ނުވެވޭނެ ކަމަށް ބްލިންކަން ވަނީ ވިދާޅުވެފައެވެ.