ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 262،128 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 27 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،523 މީހުންނެވެ. އޭގެތެރެއިން 262،128 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މި މަހުގެ 27 ވަނަ ދުވަހު މާލެއިން 16 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 4 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 12 މީހެކެވެ. ހަމައެއާއެކު ރަށްރަށުން އެ ދުވަހު ވަނީ 601 މީހަކު ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 90 މީހަކާއި ދެވަނަ ޑޯޒް ޖެހި 511 މީހެކެވެ.

އެހެންކަމުން މި މަހުގެ 27 ވަނަ ދުވަހު ޖުމްލަ 94 މީހަކު ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި 523 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ފަށާފައިވަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން އެގައުމުން ވެކްސިން ލިބުމަށް ދަތި ވެ ކޮވިޝީލްޑް ޖަހަފައިތިބި ގިނަ އަދަދެއްގެ ރައްޔިތުންނަށް މާޔޫސްކަން ވެރިވެގެން ދިއައެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން މީހަކު ހަދިޔާ ކުރުމުން، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ދޭން ފަށާފައެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަން ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.