މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި, އެ ހަރުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިރޭ އިއުލާން ކޮށްފިއެވެ.
މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް މަގުމަތީގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރާ ހިދުމަތެކެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މި މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ މަސައްކަތް ކުރަން ފުރުސަތު ހުޅުވާލާފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި ސިޓީ ކައުންސިލަށް އަގު ހުށަހަޅަން ޖެހެއެވެ.
މާލެ އަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ކުއްޔަށް ޕާކިން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އަދި ޕާކް ކުރުމަށް 211 ޖާގައެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ.