ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ފާއިތުވީ ދުވަސް ތަކުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ދަށަށް ދިޔަ ކަމަށާއި އެގޮތުން 1000 އަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސި ވި ކަމަށާއި ބަލީގައި މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.

ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެކި ސަބަބުތަކާ ހެދި ދުނިޔޭގެ ވެކްސިން ސަޕްލައިތައް މިވަނީ ތާށިވެފައި ކަމަށެވެ. ހުރިހާ ގައުމަކަށް ވެސް ވެކްސިން ބޭނުން ވެފައިވާ އިރު ވެކްސިން ބޭނުންވާ ވަރަށް ނުލިބިފައި ތިބި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ. މިދިޔަ ޖޫން މަހު ކޮވިޑް ބަލީގައި 50 މީހުން މަރުވި އިރު މޭއި މަހުގެ ތެރޭގައި އައި ކޮވިޑްގެ ބިޔަ ރާޅާއެކު 88 މީހެއްގެ ފުރާނަ ގެއްލުނެވެ. މިއީ އެއް މަހެއްގެ ތެރޭގައި މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި މަސް ވެސް މެއެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 507 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 63091 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 172 މީހަކު މަރުވެފައެވެ.