ރާއްޖެ އިން ހަރުކަށި ފިކުރު ނައްތާލުމަށް އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީވެވަޑައިގަންނަވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީގެން ކަމަށާއި އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔާދީގެން ކަމަށެވެ. ހަރުކަށި ފިކުރުން ގައުމު ސަލާމަތް ކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ހަރުކަށި ފިކުރަކީ ގާނޫނީ އުގޫބާތުން ނުވަތަ އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން. ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ"
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރަށް އެހީތެރިވެދެއްވަން ޝަހީމް ހުށަހެޅުއްވިއިރު މެއި މަހުގެ 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރާއި، ހަރުކަށި ފިކުރު ނައްތާލަން ކުރަން ޖެހޭ ކަންކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.