2023 ގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ކާނަމް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް ލިބެނީ އޭނާއަށްތޯ ނުވަތަ ދެން ވާދަ ކުރާ އެހެން މީހަކަށްތޯ ނިންމާނީ ވޯޓުލާ މެންބަރުން ކަމަށާއި، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ހޯދުމަށް އެތެރޭގެ ޕްރައިމަރީގައި އޭނާވެސް ވާދަ ކުރައްވާނެ ކަމަށެވެ.

އެމްއެންޕީގެ މަސްއްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ވަކި މީހެއްގެ ފަހަތުން އެންބުރޭ ފިކުރެއް ނޫން ކަމަށާއި އެ ޕާޓީއަކީ ފަލްސަފާއެއްގެ މައްޗަށް އޮންނަ ޕާޓީއެއް ކަމަށެވެ.

އޭނާ ވިދާޅުވި އެ ފަލްސަފާއަކީ، ހުޅުވާލެވައިފާ އިގުތިސޯދީ ފަލްސަފާއާއި، ދީނުގެ މެދުމިންވަރު ގަބޫލު ކުރުމާއި ސެންޓާ ރައިޓް ވިސްނުމެއް ގެންގުޅުން ކަމަށެވެ.

"މި ޕާޓީއަކީ ޒުވާނުންނަށް އިސްކަންދޭނެ ހުޅުވާލެވިފައި އޮތް ޕާޓީއެއް، ޕާޓީގެ އެއްވެސް މަގާމެއްގައި ކަނޑައަޅާ 2 ދައުރަށްވުރެ އިތުރަކަށް މީހަކަށް ނުހުރެވޭނެ. ޕާޓީގެ ރައީސަށްވެސް ހުރެވޭނީ 2 ދައުރު، ދެން ޖެހޭނީ ދާން"
ނާޒިމް

އެމްއެންޕީގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ޒުވާނުންނަށް ހާއްސަ ޕާޓީއެއް ކަމަށާއި، އެމްޑީޕީއާއި ޕީޕީއެމްގެ ވިސްނުން ކަމުނުދާ އެންމެނަށާއި، ޕާޓީއަކަށް ނުގުޅި ތިބި އެންމެނަށް އެމްއެންޕީ އަކީ ޕްލެޓްފޯމް ކަމަށެވެ.

އެމްއެންޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގައި ހިމެނޭ މަޖިލީހުގެ 5 މެންބަރުން (ކ-ވ) މޮސްޓާ، އުޝާމް، ނާޒިމް، ރިޔާޒު އަދި ޖޭ4

2023 އަށް އަމާޒު ހިފައިގެން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޕާޓީގެ މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން ދާ ކަމަށާއި، ޕާޓީގެ ހަރަކާތްތަކަށް ފަސޭހަ ކުރުމަށް މާލޭގައި ޖަގަހައެއް ހުޅުވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. މާލޭގެ ޖަގަހަ ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވިއިރު، ރާޢްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޖަގަހަ ހަދާ، ގޮފިތައް ހަދާ އެކިއެކި މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނާޒިމާއެކު އެމްއެންޕީގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) ހިމެނެއެވެ.