ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، އަވަށްޓެރި ސްރީލަންކާގައިވެސް މޫސުމީ އިންޒާރު އިއުލާން ކޮށްފިއެވެ.

ކުރިއަށް އޮތް ވަގުތުތަކަކީ ސްރީލަންކާގެ މެދުތެރެއާއި ހުޅަނގުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެ ވަގުތުތަކެއް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރު ކޮށްފައެވެ. އަދި ހުޅަނގު-އުތުރުގެ ހިސާބުތަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

މިއަދު ހަވީރާއި މިރޭގެ ވަގުތުތަކުގައި ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ވެރިރަށް ކޮޅުނބުގެ މަގުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.

ލަންކާއަށް މޫސުން ގޯސްވަމުން ދާއިރު، ގަޑިއަކު 60 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުން ދާ ދުވަސްވަރެކެވެ. އެގޮތުން، އެންމެ ގާތުން، އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކަށްވެސް މޫސުން ގޯސްވެ، 150 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެތައް ބަޔަކަށް ވީނުވީއެއް ނޭނގި، ގެއްލިފައި ވާ ކަމަށް ހަބަރު ލިބެއެވެ. ވިލާތަށްވެސް ގަދަ ވިއްސާރައިގެ އަސަރު ފޯރާފައި ވާއިރު، ވިލާތުންވެސް 200 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ދުނިޔޭގެ އެންމެ އިރުމަތީ ބިތުން، ޗައިނާއަށްވެސް މޫސުމީ ގަދަ ވިއްސާރައާ ކުރިމަތިވެ، އެގައުމުންވެސް ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.