ދިޔަވަމުންދިޔަ ދޯންޏަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ހަބަރު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ 00:55 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ދިޔަވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުން ދިޔަ "ދިރުން" ނަމަކަށް ކިޔާ 85 ފޫޓުގެ މުދާ އުފުއްލާ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގައި ހަލާކުވެފައި ހުރި ޕަންޕު މަރާމާތުކޮށް އެ ޕަންޕުގެ އެހީގައި ދޯނީގެ ދިޔަ ކޮންޓްރޯލް ކޮށްފައި ވާކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ދިޔަވަމުން ދިޔަ ދޯނީގެ ދިޔަވުން ކޮންޓްރޯލް ކުރެވިފައި ވަނީ ރޭ ދަންވަރު 02:45 ހާއިރު ކަމަށެވެ. އަދި އެވަގުތު ދޯނީގައި 9 މީހުން ތިބި ކަމަށާ އެއިން އެކަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.