އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 08:00 ގެ ނިޔަލަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު އިންޑިއާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 159 އަށް އަރާފައެވެ.

ކަމާ ބެހޭ ފަރަތްތަކުން މިހާރުވެސް ދަނީ، ގެއްލިފައި ވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިންޑިއާއަށް ގަދައަށް ވިއްސާރަ ކުރަމުން ދާއިރު، އެ ގައުމުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތައް ވަނީ މުޅިންހެން ފެނު އަޑީގައެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާގެ މަގެއްގައި ފެންބޮޑުވެފައި / ފޮޓޯ: ސީބީސީ

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، ކުރިއަށް އޮތް ދުވަސްތަކަށްވެސް ގަދަ ވިއްސާރަ ދެމިގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ދުވަސްވަރު އާދަޔާ ހިލާފު ގަދައަށް ވިއްސާރަ ކުރަމުން ދިއުމުގެ ފަހަތުގައި އެތައް ސަބަބެއް ވާ ކަމަށް މޫސުމީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް އެންމެ ބޮޑު އެއް ސަބަބަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުން ކަމަށާ، މި ކަމަކީ ގަދަ ވިއްސާރައަށް މަގު ފަހި ކުރާ ސަބަބެއް ކަމަށްވެސް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

ގަދަ ވިއްސާރައިގެ އަސަރު، ވިލާތު ބައްރުގެ އިތުރުން ޗައިނާގެ އެކި ހިސާބުތަކަށްވެސް ހުސްވި ހަފުތާތަކުގައި ވަނީ ކޮށްފައެވެ. މި ގައުމުތަކުންވެސް ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ގެއްލި، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ ދުވަސްވަރަކީ، އިންޑިއާއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެކެވެ.