ވިހި އަހަރު ދުވަހަށް ފަހު އެމެރިކާ ސިފައިންގެ ފައުޖުތައް އަފްގާނިސްތާނުގެ ފަސްގަނޑުން ފޭބި ކަމުގައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ވައިގެ މަގުން އަސްކަރީ ރެއިޑްތައް ކުރިއަށް ގެންދާނެ ކަމަށް، އެމެރިކާ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

އެމެރިކާ ސިފައިންގެ ފައުޖުތައް އަފްގާނިސްތާނުގެ ފަސްގަނޑު ދޫކޮށް ފައިބަމުން ދާ މި ވަގުތަކީ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންނާއި އަފްގާނިސްތާނުގެ ގައުމީ ސަލާމަތީ ބާރުގެ ފައުޖުތަކާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ވަރުގަދަވުމުގެ އިތުރުން، އަފްގާނިސްތާނުގެ ބިންތަކެއް، ތޯލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާ ވަގުތެކެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޔޫއެސް މެރީން ގެނެރަލް ކިނެތު މެކެންޒީ ވިދާޅުވީ، އަފްގާނިސްތާނުގެ ބާރުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ފާއިތުވީ ދުވަސްތަކުގައި އެމެރިޚާއިން ދިން ވައިގެ ހަމަލާތައް އިތުރު ކޮށްފައި ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ތޯލިބާނުންގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި، މި ހަމަލާތައް ކުރިއަށް ގެންދަން އެމެރިކާ ތައްޔާރަށް އޮތް ކަމަށްވެސް މެކެންޒީ ވަނީ އިއުލާން ކުރައްވާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މެކެންޒީ ވަނީ، އެމެރިކާގެ ފައުޖުތައް އޯގަސްޓް 31 ވަނަ ދުވަހު އަފްގާނިސްތާނުން ފައިބާ ނިންމާ ތާރީހަށް ފަހުގައިވެސް މި ހަމަލާތައް ދެމިގެންދާނެ ތޯ ނުވަތަ ނޫންތޯ ބަޔާން ކޮށްދެއްވުމަށް އިންކާރު ކުރައްވާފައެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ 95 ޕަސެންޓް ސިފައިން މިހާރު ވަނީ އެ ގައުމުން ފައިބާފައެވެ. އަދި އޯގަސްޓް 31 އަށް ފައުޖުތައް ބާލާ ނިންމުމަކީ، އެމެރިކާގެ ވެރިކަމާ މި އަހަރު ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ އެންމެ ބޮޑު އެއް އަމާޒަށް ވާއިރު، އަފްގާނިސްތާނު ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ، ސިފައިން ބޭލުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށް އިންޒާރު ކުރައްވާފައެވެ.