ފަލަސްތީނުގެ ގައްޒާގައި، މަސްވެރިކަން ހުއްދަ އޮންނަ ސަރަހައްދަށް އިޒްރޭލުން ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިޒްރޭލަށް އަމަޒުކޮށް ގައްޒާއިން ވައިގެ ހަމަލާ ދެމުން ދާ ކަމަށް ބުނެ، އިޒްރޭލުން ވަނީ، ގައްޒާގައި މަސްވެރިކަން ކުރަން އޮންނަ ސަރަހައްދުން ދެބައިކުޅަ 1 ބައި އުނިކޮށްފައެވެ.

އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ މަދަނީ ކަންކަމާ ބެހޭ އިޒްރޭލު އަސްކަރިއްޔާގެ ގޮފި (ކޯގާޓް) އިން ބުނީ، މަސްވެރިކަން ކުރުމަށް ގައްޒާއަށް ދޫކޮށްފައިވާ 12 ނޯޓިކަލް މޭލުގެ ޒޯން، 6 ނޯޓިކަލް މޭލުގެ ޒޯނަކަށް ކުޑަ ކޮށްފައި ވާ ކަމަށެވެ.

މިކަން ކުރަން ޖެހުނީ ގައްޒާއިން ސިލްސިލާ ގޮތެއްގައި އިޒްރޭލަށް ވައިގެ ހަމަލާ އަމާޒު ކުރަމުން ދާތީ ކަމަށާ، މި ހަމަލާތަކަކީ އިޒްރޭލުގެ އިސްތިގުލާލަށް ނުރައްކާ ކުރިމަތި ކުރުވާ ކަމެއް ކަމަށްވެސް ކޯގާޓްގެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.

ގައްޒާއަށް މަސްވެރިކަން ކުރަން އޮންނަ ޒޯން ބޮޑު ކޮށް، އިމްޕޯޓް އެތެރެ ކުރުމަށް އިތުރު ފުރުސަތުތައް ތަނަވަސް ކުރާ ކަން އިޒްރޭލުން އިއުލާން ކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އެންމެ ފަހުގެ ނިންމުން މި އައީ އެ ރުހާ ހިލާފަށް ކަން ފާހަގަ ކުރަން ޖެހެއެވެ.

މި އަހަރުގެ މެއި މަހު، އިޒްރޭލާއި ގައްޒާއާ ދެމެދު ބަދަލު ކުރި ހަމަލާތަކުގެ ކުރިން، ގައްޒާއަށް މަސްވެރިކަން ކުރުމަށް ދީފައި އޮންނަނީ 15 ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ.

މެއި މަހު 11 ދުވަހަށް ދެމިގެން ދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި ގައްޒާއަށް ލިބުނު ގެއްލުމުގެ އަގު، 290 މިލިއަން ޑޮލަރާއި 380 މިލިއަން ޑޮލަރާ ދެމެދު މިންވަރަކަށް އަރާ ކަމަށް، ގައްޒާ ރެޕިޑް ޑެމޭޖް އެންޑް ނީޑްސް އެސެސްމަންޓް (އާރްޑީއެންއޭ) އިން މިމަހު ކުރީ ކޮޅު އާންމު ކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އަދި ރިކަވަރީގެ މަސައްކަތަށް 345 މިލިއަނާއި 485 މިލިއަން ޑޮލަރާއި ދެމެދު އަދަދަކަށް މަޝްރޫއު ހިންގަން ޖެހޭ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

ފަލަސްތީނުގެ 2 މިލިއަނެއްހާ ރައްޔިތުން ދިރިއުޅެމުން އަންނަ ގައްޒާއަކީ، ދުނިޔޭގައި އެންމެ ތޮއްޖެހިފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ. 365 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ދިރިއުޅެމުން އަންނަ މި އާބާދީގެ ދެބައިކުޅަ 1 ބައި ހިއްސާ ކުރަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އިޒްރޭލުގެ އިތުރުން މިސްރާއި ފަލަސްތީނުގެ މައި ސަރުކާރުންވެސް ގައްޒާއަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ތާ މިހާރު 14 އަހަރު ވަނީ ވެފައެވެ.